ބޮޑު އީދާ ދިމާކޮށް ދަތުރުތަކަށް ޑިމާންޑް ބޮޑުވެ، މޯލްޑިވިއަންގެ ފްލައިޓްތައް އިތުރުކުރަން ނިންމައިފި އެވެ.
އަންނަ އާދިއްތަ ދުވަހު މާލެ އާއި ހޯރަފުއްޓާއި ށ. ފުނަދޫ އަދި ތިމަރަފުއްޓާއި ކައްދޫ އާ މާލެއާ ދެމެދު ކުރާ ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މާލެ އާއި ގަމާ ދެމެދު ކުރާ ދަތުރުތަކަށް، މި މަހުގެ 28 ވަނަ ދުވަހާއި އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ދަތުރުތަކަށް ފްލައިޓް އިތުރުކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެ ދަތުރުތަކަށް މިހާރު ޓިކެޓް ބުކްކުރެވޭނެ އެވެ.
މޯލްޑިވިއަން އިން ބުނިގޮތުގައި، ޑިމާންޑް އޮތް ވަރަށް ބަލައި، މި މަހު 26 އާއި އަންނަ މަހު 16 އާ ދެމެދު އަދިވެސް ފްލައިޓްތައް އިތުރުކުރާނެ އެވެ.
އެ އެއާލައިންގެ ޕަބްލިކް ރިލޭޝަން އަދި މާކެޓިން އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހް ވިދާޅުވީ، ޓިކެޓް ބުކްކުރާ ވަރު ރަނގަޅަށް ބަލައި، އެންމެ ޑިމާންޑް ބޮޑު އެއާޕޯޓްތަކަށް ފްލައިޓްތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ޝެޑިއުލް ކުރެވޭ ވަރަކަށް އަންގަމުން ދާނަން. ރަށްތަކުގެ ޑިމާންޑް އޮތްވަރު ބަލަން ވަކިވަކިން އެނަލައިޒް ކުރަމުން މިދަނީ،" މުޝްއިލް ވިދާޅުވި އެވެ.
މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ މަހު ނުވައެކެވެ. ހައްޖުދުވަހާއި އީދު ދުވަސްތައް އަދި ހަފްތާ ބަންދާއެކު ނުވަ ދުވަސް ލިބޭ މި ޗުއްޓީގައި ތަންތަނަށް ދަތުރުކުރުމަށް، ވައިގެ މަގުންނާއި ކަނޑުމަގުން ގިނަ ބަޔަކު އަންނަނީ ޓިކެޓް ނަގަމުންނެވެ.
ރާއްޖޭގެ 14 މަންޒިލަކަށް ދަތުރު ކުރާ މޯލްޑިވިއަންގެ އީދުތެރޭ ގިނަ ދަތުރުތައް ވަނީ މި މަސް ދެބައި ނުވަނީސް ފުލްވެފަ އެވެ.