އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގުލްގެ ޕްލޭ ސްޓޯރުން ޓިކްޓޮކް ޑައުންލޯޑް ނުކުރެވޭ ގޮތް ހަދަން، އެމެރިކާގައި މުވާސަލާތީ ހިދުމަތްތައް މޮނީޓާކުރާ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) ގެ މެމްބަރަކު ގޮވާލައްވައިފި އެވެ.
ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސް އުފެެއްދި ޓިކްޓޮކް، އެ އެޕްލިކޭޝަން ސްޓޯރުތަކުން ނަގަން އޭނާ ގޮވާލެއްވީ އެއީ ގައުމީ ސަލަމާތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ އެވެ.
އެޕްލިކޭޝަން ސްޓޯރުތަކުން ޓިކްޓޮކް ނަގަން އެޕަލް އާއި ގޫގުލް އަށް އެފްސީސީގެ ކޮމިޝަނަރު ބްރެންޑަން ކާރް އެދިވަޑައިގަތީ އެ ދެ ކުންފުންޏަށް މިދިޔަ މަހު 24 ގައި ފޮނުއްވި ސިޓީއެއްގަ އެވެ.
އެ ސިޓީގައިި ކާރް ސިފަކުރެއްވި ގޮތުގައި ބައިޓްޑާންސް އަކީ ޗައިނާ އަށް ޖާސޫސް ކޮށްދޭ ކުންފުންޏެކެވެ. އޭނާ އެހެން ވިދާޅުވީ، ބައިޓްޑާންސްގެ ޗައިނާގެ ސްޓާފުން އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ޑާޓާތަކަކަށް އެކްސެސްވި ކަމަށް ބުނެ ދާދިފަހުން ބަޒްފީޑް އިން ރިޕޯޓްކޮށްފައިވާ ހަބަރަކާ ހަވާލާދެއްވަ އެވެ.
އެކަމަކު އެ ޚަބަރުގައި ހުރި ވާހަކަތައް ޓިކްޓޮކުން ދޮގުކުރި އެވެ.
އެފްސީސީގެ ކޮމިޝަނަރުގެ ސިޓީއާ ގުޅިގެން އެޕަލް އާއި ގޫގުލް އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.