މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރީ 899،353 މީހުން ކަމަށް ސައޫދީ އަރަބިއްޔާގެ ތަފާސްހިސާބު ބަލަހައްޓާ އިދާރާއިން ބުނެފި އެވެ.
ސައޫދީގެ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން ބުނީ ހައްޖުގެ އަޅުކަން އަދާކުރި މީހުންގެ ތެރެއިން 799،919 މީހުންނަކީ އެހެން ގައުމުތަކުން އައި މީހުން ކަމަށާއި ސައޫދީގައި އުޅޭ މީހުންގެ ތެރެއިން އަޅުކަމުގައި ބައިވެރިވީ 119،434 މީހުން ކަމަށެވެ.
އިސްލާމް ދީނުގެ ފަސް ވަނަ ރުކުން ކަމަށްވާ ހައްޖުގެ އަޅުކަމުގައި މިފަހަރު ބައިވެރިވި މީހުންގެ ތެރެއިން ފިރިހެނުންގެ އަދަދަކީ 486،458 އެވެ. އަންހެނުންގެ އަދަދަކީ 412،895 އެވެ.
ތަފާސް ހިސާބުން ދެއްކި ގޮތުގައި ސައޫދީ ނޫން ގައުމުތަކުން ހައްޖުގެ އަޅުކަމަށް އައި މީހުންގެ ތެރޭގައި އެންމެ ގިނައީ އަރަބި ގައުމުތަކުގެ މީހުންނެއް ނޫނެވެ. އެންމެ ގިނައިން އައީ އޭޝިއާގެ ގައުމުތަކުގެ މީހުން ކަމަށާއި އެ މީހުންގެ ނިސްބަތް 53.8 ޕަސެންޓަށް އަރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އަރަބި ގައުމުތަކުން އައި ހައްޖާޖީންގެ ނިސްބަތަކީ 21.4 ޕަސެންޓެވެ.
އަރަބި ނޫން، އެފްރިކާގެ ގައުމުތަކުން އައި މީހުންގެ ނިސްބަތް އުޅެނީ 13.2 ޕަސެންޓުގަ އެވެ. ޔޫރަޕާއި އެމެރިކާ އަދި އޮސްޓްރޭލިއާ އިން އައި ހައްޖާޖީންގެ ނިސްބަތަކީ 11.6 ޕަސެންޓެވެ.
ހައްޖުގެ އަޅުކަމަށް ސައޫދީ އަށް ދިޔަ މީހުންގެ ތެރެއިން 738،680 މީހުން އެ ގައުމަށް ދަތުރުކުރީ ވައިގެމަގުން ކަމަށާއި ބާކީ 35،210 މީހުން ސައޫދީ އަށް ދިޔައީ އެއްގަމު މަގުންނާއި ކަނޑުމަގުން ކަމަށް ތަފާސްހިސާބު ބަލަހައްޓާ އިދާރާއިން ބުންޏެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ހެދި ގިނަ މީހުންނާ އެކު ހައްޖުގެ އަޅުކަން ނުބޭއްވި ދެ އަހަރު ފަހުން ހައްޖުގެ އަޅުކަމަށް ސައޫދީ ވަރަށް ބޮޑަށް ތައްޔާރުވި އެވެ. ހިސާބުތަކުން ދައްކާ ގޮތުން ސައޫދީ ސަރުކާރުގެ 228،721 މީހަކު ހައްޖުގެ އިންތިޒާމްތަކުގައި އެކި ގޮތްގޮތުން ބައިވެރިވެ އެވެ. މީގެ ތެރެއިން 117،049 މީހުންނަކީ ދާއިމީ މުވައްޒަފުންނެވެ. ދެން ތިބީ ވަގުތީ މުވައްޒަފުންނެވެ.
ހައްޖާޖީންނަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކަނިވެސް ހައްޖާޖީން ޖަމާވާ ތަންތަނުގައި 21،062 ސިއްހީ އެހީތެރިން ތިބޭ ގޮތަށް އިންތިޒާމްކޮށްފައިވެ އެވެ.