ރ. އަތޮޅު ރަށެއްގައި ޓީޗަރަކު ހިމެނޭ ގޮތަށް ބަޔަކު، ސްކޫލު ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ގާނޫނޫ އިމުގެ ތެެރެއިން ފިޔަވަޅު އެޅުމަށް ޖެންޑާ މިނިސްޓްރީން ކަމާ ބެހޭ އިދާރާތަކުގައި އެދިއްޖެ އެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ ކުރީކޮޅު ޓީޗަރަކާއި މޫނު ނިވާކޮށްގެން ތިބި އިތުރު ތިން މީހަކު، އެ ކުއްޖާ ރޭޕްކުރީ ގެސްޓްހައުސްއަކަށް ގެންދިއުމަށް ފަހު ކަމަށް އެ ކުއްޖާ ކަމާ ބެހޭ އިދާރާތަކަށް ބަޔާންދެ އެވެ. އުމުރުން 14 އަހަރުގެ އެކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ޑޮކްޓަރުންގެ ރިޕޯޓުގައި ވިޔަސް އެ މައްސަލަ ފުލުހުން ފައިލް ކުރީ ތުހުމަތުކުރެވޭ މީހުންނަށް ދައުވާކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލުމުނެވެ.

އެ މައްސަލަ ފައިލްކޮށްފައިވަނިކޮށް ލީކުވި ކޯލް ރިކޯޑިންތަކުގައި ތުހުމަތުކުރެވޭ ޓީޗަރު އެހެން ބަޔަކު ގާތު، ކުއްޖާ އެ ވާހަކަ ނުކިޔައިދޭ ނަމަ، އެއީ ނުހިނގާ ކަމެއް ކަމަށް ބުނެ ވާހަކަ ދައްކާ އަޑު އިވެ އެވެ.

އެހެންވެ، ބަޔަކު ނުފޫޒު ފޯރުވައިގެން މައްސަލަ ހިންދާލަން އުޅޭކަމަށް ތުހުމަތުކޮށް އާއިލާ އިން ވަނީ ކުއްޖާއަށް އިންސާފު ނުލިބި ދިގުލައިގެންދާ މައްސަަލައާ ގުޅިގެން މިމަހުގެ 18 ގައި ޖެންޑާ މިނިސްޓްރީއަށް ސިޓިއެއް ފޮނުވައި، މައްސަލަ ބަލައިދޭން އެދިފަ އެވެ.

އެ ސިޓީއާ ހަވާލާދީ ޖެންޑާ އިން އާއިލާއަށް ފޮނުވި ސިޓީގައި ބުނީ އާއިލާގެ ކަންބޮޑުވުންތަކާއި ގުޅިގެން ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަަސާތަކަށް އެ މިނިސްޓްރީން ދަންނަވާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން އެ މިނިސްޓްރީން ބުނީ، މިނިސްޓްރީއަކީ ތަހުގީގީ އިދާރާއަކަށް ނުވާތީ ތަހުގީގާ ގުޅޭ ކޮމެންޓެއް ނުކުރެވޭނެ ކަމަށެވެ. އެކަމަކު އެ ކޭސްއާ ގުޅިގެން މިނިސްޓްރީގެ މެންޑޭޓުގައިވާ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

"ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ދަނީ އެ ކޭސް މޮނިޓާކުރަމުން. ކުއްޖާ މިހާރު އުޅޭ މާހައުލަކީ ރައްކާތެރި މާހައުލެއްކަން ވަނީ ކަށަވަރުކުރެވިފައި،" ޖެންޑާ އިން ބުންޏެވެެ.

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީގެ މެންޑޭޓުގައި އޮންނަނީ ސޯޝަލް ޕްރޮޓެކްޝަން އެންޝުއާ ކޮށްދިނުމެވެ.

ސްކޫލު ޓީޗަރެއްގެ ފަރާތުން ރޭޕްގެ ޝިކާރައަށް ވުމުން އެ ސްކޫލަށް ކިޔަވަންދާން ކުއްޖާ ދެކޮޅު ހަދާފައިވާތީ މިހާރު ކިޔަވައިދެނީ މާލޭގެ ސްކޫލެއްގަ އެވެ.

އެ މައްސަލާގައި ތުހުމަތުވާ ޓީޗަރު މިހާރު ހުރީ މަގާމުން ވަކިކޮށްފަ އެވެ.

އެ ރޭޕްގެ މައްސަލައާ ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނެފައި ވަނީ މައްސަލަ އޮތީ ފައިލްކޮށްފައި ކަމަށެވެ. އަލުން އެ މައްސަލަ ބަލަން ފެށި ކަމަކަށް ނުބުނެ އެވެ.

ކުއްޖާ އަށް އެ ދުވަހު ސްކޫލުން ގެއަށް ދިޔަ ފަހުން ވީގޮތެއް ނޭނގިގެން އާއިލާއިން ރުގްޔާ ވެސް ކިޔެވި އެވެ. އެކަމަކު ރުގްޔާކުރި މީހާގެ ލަފާގެ މަތިން ޑޮކްޓަރަށް ދެއްކުމުން އެނގުނީ ކުއްޖާ އަށް ޖިންސީ އަނިޔާވެސް ކޮށްފައިވާ ކަމެވެ. ފަހުން ކުއްޖާ ހޭވެރިކަން ވުމުން އެކުއްޖާ ވަނީ ކަން ހިނގާދިޔަ ގޮތުގެ ބަޔާން ފުލުހުންނާއި ޖެންޑާއަށް ވެސް ދީފަ އެވެ.