ހއ. އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން މިއަދު ބުނީ އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 30،509 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކޮށް، އެއްގަމުތޮށްޓާއި ބޭރުތޮށި ލުމުގެ އިތުރުން 178 މީޓަރު ސަރަހައްދުގައި ރިވެޓްމެންޓު ޖެހުން ހިމެނެ އެވެ.
ނެރު ބައްތި އަދި މަގު ބައްތި ހަރުކުރުމާ އެކު ބަނދަރު ސަރަހައްދުގައި 4582 އަކަ މީޓަރު ސަރަހައްދުގައި ޕޭވްމެންޓް ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 59 މިލިއަން ރުފިޔާ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން އެމްޓީސީސީން މިއަދު ހިއްސާކޮށްފައިވާ މައުލޫމާތުގައި ވާގޮތުން، ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އަންނަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރިޓް ގާ އެތުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަޝްރޫއަކީ 35.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.