ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ މިހާރަށް ވުރެ ވަރުގަދަކޮށް، މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.
ޖޭޕީ އަށް އަލަށް ގުޅުނު މެމްބަރުތަކެއްގެ ފޯމާ ހަވާލުވުމަށް ފަހު، ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެއީ ޓީމެއް ގޮތުގައި މަސައްކަތް ކުރާ ޕާޓީއަކަށް ހަދަން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި ކުރިމަގުގައި ވެސް ގިނަ މެމްބަރުންތަކެއް ޖޭޕީ އަށް އިތުރު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"މިހާރު ކުރިމަތިވަމުންދާ ކަންކަން ބަދަލުކޮށް އިސްލާމިއްޔަތަށް ލާބިކުރާ ޕާޓީއެއް ގޮތުގައި އަޅުގަނޑުމެން ދެމި ތިބޭނަން،" ނަހުލާ ވިދާޅުވި އެވެ.
ޖޭޕީ އަށް ރޭ އަލަށް ސޮއިކުރީ މަސްއޮޑި ގުރޫޕުގައި އިސްކޮށް އުޅޭ އިހުސާނުއްދީން ރަޝީދުގެ އިތުރުން މުވާޒުއްދީން ރަޝީދެވެ.
ޖޭޕީން ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރޭނެ ކަމަށް އިއުލާން ކޮށްފަ އެވެ. އަދި ކޮންގްރެސްއެއް ބާއްވައި ޓިކެޓު ހަވާލު ކުރައްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވެ އެވެ.
ޖޭޕީގެ އިތުރުން އެހެން ޕާޓީތަކުން ވެސް އަންނަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ހަރަކާތްތައް ފަށައިފަ އެވެ.