ތައުލީމީ ދާއިރާއިން ސިންގަޕޫރާއި މެލޭޝިޔާ ފަދަ ގައުމުތަކާ ވާދަކުރުމުގެ ގާބިލްކަން ރާއްޖޭގައި އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް ޔުުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުވާލި ތިން ސްކޮލަޝިޕަަށް ހޮވުނު މީހުންނަށް އެކަމުގެ ލިިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ ރާއްޖޭގައި ތައުލީމީ ގޮތުން ވަރަށް ގާބިލް މީހުން އެބަ ތިބި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިވެހީންނަކީ ތައުލީމަށް ލޯބިކުރާ ބައެކެވެ. އަދި އެ ދާއިރާގައި ކުރިއަށް ދާން ވަރަށް މަސައްކަތް ކުރާކަމަށާއި އޭގެ ސަބަބުން ސްކޮލަޝިޕް ފަދަ ފުރުސަތުތައް ރާއްޖެއަށް އޮންނަނީ މަދުވެފައިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމް ހާސިލްކުރާއިރު ޕްރެޝަރުތަކާ ކުރިމަތިވާނެ ކަމަށެވެ. އެންމެ ބޮޑަށް ދިމާވާނީ މާލީ މައްސަލަތައް ކަމަށާއި ނަމަވެސް ލިބޭ ފައިސާ ހަރަދުކުރާނެ ރަނގަޅު ޕްލޭނެއް ހަދައިފި ނަމަ އެކަމަށް ފަސޭހަތަކެއް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ސަރުކާރުން މަތީ ތައުލީމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެ އެވެ. އަދި އިގުތިސާދީ ފުދުންތެރިކަމާ އަޅާބަލާއިރު މަތީ ތައުލީމް ހާސިލްކޮށްފައި ތިބި މީހުންގެ އަދަދު ވަރަށް ގިނަކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ކައިރި ގައުމުތަކަށް ވެސް ރާއްޖޭގެ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދީ، އެކަމުން އާމްދަނީ ލިބޭނެ ދާއިރާއަކަށް ތައުލީމީ ދާއިރާ ހަދަން ޖެހޭ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދުު ޝަހީމް އަލީ ސައީދު ވިދާޅުވީ މަތީ ތައުލީމް ހާސިލްކުރަންވީ ވަޒީފާ ހޯދަން ނޫން ކަމަށާއި ގައުމަށް ހިދުމަތް ކުރުމުގެ މަގުސަދުގައި ކަމަށެވެ.
ތައުލީމް ހާސިލްކުރާއިރު ގޮންޖެހުންތަކާ ދިމާވާނެ ކަމަށާއި ނަމަވެސް ހިތްވަރާ އެކު ކިޔެވުން ކުރިއަށް ގެންދަން ޝަހީމް ވަނީ ނަސޭހަތްތެރިވެވަަޑައިގެންފަ އެވެ.
ބުރޫނާއީގެ ދާރުލްސަލާމާއި އިސްލާމިކް ޔުނިވާސިޓީ އަދި އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ)ގެ ޖުމްލަ 10 ސްކޮލަޝިޕަށް 30 މީހުން ކުރިމަތިލި އެވެ.