ކޮވިޑް-19 އަށް ވެންޓިލޭޓަރު ހޯދުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފޮނުވި މައްސަލަ އެންމެ ފަހުން ލިބުނުއިރު ވެސް ތަހުގީގައި ފުރިހަމަކުރަން އެންގި ކަންކަން އިސްލާހުކޮށްފައި ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ވެންޓިލޭޓަރު ހޯދުމުގެ މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން ތިން ފަހަރަށް ފޮނުވި އެވެ. އެންމެ ފަހުން ހަތަރު ވަނަ ފަހަރަށް މިދިޔަ ޖޫން މަހު ފޮނުވީ ޑިއުޓީ ޕްރޮސިކިއުޝަނަށެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ ދައުވާކުރަން ފޮނުވި މައްސަލާގައި ތަހުގީގު ފުރިހަމަކުރަން އެދިފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރުގެ އެއްބަސްވުން އެކުލަވާލާފައި އޮތް ގޮތާއި ތުހުމަތުކުރާ މައްސަލާގައި ފައިސާ ދައުރުވި ގޮތް ބަލަން އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.
އޭސީސީން އެންމެ ފަހުން ފޮނުވި އިރު ވެސް އެ ބައިތައް ފުރިހަމަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނުން ފައިލްކުރީ އަށް މީހުންގެ މައްސަލަ އެވެ. ތިން މީހުންގެ މައްސަލަ އަދިވެސް އޮތީ ޑިއުޓީ ޕްރޮސިކިއުޝަންގަ އެވެ.
"މަޝްވަރާގައި އެދިފައި އޮންނާނީ ފައިސާގެ ބައި ތަހުގީގުކޮށްފައި ގެނައުމަށް،" ޝަފީއު ވިދާޅުވި އެވެ.
މައްސަލަ ފައިލްކުރުމަކީ، ޕީޖީ އޮފީހުން ބުނި ގޮތުގައި، އޭސީސީގެ ނިންމުމެކެވެ.
އޭސީސީން ދައުވާކޮށްދޭން އެދުނު މީހުންގެ ތެރޭގައި، އަމީންގެ އިތުރުން ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑިރެކްޓަރު، ނައުޝާދު އަލީ އާއި ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ލިމްޔާ އާއި ކުރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް ހިމެނެ އެވެ.
ވެންޓިލޭޓަރު މައްސަލައަށް ފަހު ހެލްތުގެ ބިޑް ކޮމިޓީއަށް ވަނީ ބަދަލު ގެނެސްފަ އެވެ.
ޕީޖީ އޮފީހުން ކުރިން ވެސް ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން އޭރު ނިންމީ އޭސީސީން ހުށަހަޅާފައިވާ މައުލޫމާތުތަކުގައި ކޯޓެއްގައި ސާބިތުކުރެވޭ ވަރުގެ ހެކި ނެތުމުންނެވެ. ތަފާތު 12 ތުހުމަތެއް އޭސީސީން ކޮށްފައިވާއިރު، އޭގައި ހުރީ ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އިދާރީ މައްސަލަތަކެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފޮނުވާފައި ވާނީ މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާ ކުރުމަށް ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށް މަންފާ ލިބިފައި ހުރީ ކޮން ބަޔަކަށް ކަމާއި ފައިސާ ހުރި ތަނެއް އެނގެން މަޖުބޫރު ނޫން ކަމަށާއި ބަޔަކަށް ނާޖާއިޒް ފައިދާ ލިބޭ ފަދަ ގޮތަކަށް އަމަލު ކުރިކަން ސާބިތުވާ މިންވަރަށް މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
ދައުވާކުރަން އެދުނީ އޭސީސީން ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓް، 30 މިލިއަން ރުފިޔާ ދީފައިވާތީ އެވެ. އެޑްވާންސް ފައިސާ ދެއްކީ އޭސީސީން ބުނެފައިވާ ގޮތުގައި، އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން "ގުޑްސް ރިސީވްޑް" ކަމަށް ދައްކައިގެންނެވެ.
އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރެ އެވެ.
އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވިޔަސް ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް ހެލްތަށް ފޮނުވީ، އެޕްރީލް، 16، 2020 ގައި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެގްޒެކިއުޓާސްއަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ހެލްތު މިނިސްޓްރީން ބުނާ ވާހަކަ ވެސް އޭސީސީން ވަނީ ދޮގުކޮށްފަ އެވެ.
ދިވެހި ސަރުކާރުން ގަންނަން އެގްޒިކިއުޓާސްއަށް ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. ބޮޑު ބައި ނުލިބި ލަސްވެގެން ދާތީ ސަރުކާރުން ވަނީ އެންމެ ފަހުން ދުބާއި ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކޮށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން ނިންމައިފަ އެވެ.