ބާސެލޯނާ (އޯގަސްޓް 30) ބާސެލޯނާގެ ފޯވާޑް ޕިއާ އެމެރިކް އޮބާމަޔަން ދިރިއުޅޭ ގެއަށް ތޫނު ހަތިޔާރު ހިފައިގެން ތިބި ގޭގަކުން ގަދަކަމުން ވަދެ ގެއިން ވައްކަން ކޮށްފި އެވެ.

ބާސެލޯނާގެ ކެސްޓެލެޑެފީލްސް ސަރަހައްދުގައި ހުންނަ ގެއަށް ހަތިޔާރާ އެކު ގޭންގުން ވަނީ އިއްޔެ ހެނދުނު ވަރަށް ކުރީ ކޮޅުގަ އެވެ. އޮބާމަޔަން އާއި އޭނާގެ އަންހެނުން އަދި ދެ ދަރިން ވެސް ގޭގައި އުޅެ އެވެ. ގޭންގުން ވަނީ ތޫނު ހަތިޔާރުން ބިރު ދައްކައި އޮބާމަޔަންގެ ދެމަފިރިންގެ އަތް ފުރަގަހަށް ބަދެފަ އެވެ.

ބާސެލޯނާއިން ބުނީ އޮބާމަޔަން އާއި އޭނާގެ އާއިލާގެ އެއްވެސް މީހަކަށް ޒަހަމެއް ލިބިފައި ނުވާ ކަމަށެވެ.

ގޭގައި ރައްކާ ކޮށްފައި ހުރި އަގުބޮޑެތި ގަހަނާތައް ހުރި ތިޖޫރީއެއް އޭނާ އަށް ބިރު ދައްކައިގެން ހުޅުވައި ގަހަނާތައް ގެންދިޔަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މިހާތަނަށް އެ ގޭންގު އަތުލައިގަނެވިފައެއް ނުވެ އެވެ.

އޮބޯމަޔަންގެ ގެ ހުންނަނީ ބާސާގެ ކުރީގެ ދެ ތަރިން ކަމަށްވާ ލިއޮނެލް މެސީ އާއި ލުއިސް ސުއަރޭޒް ދިރިއުޅުނު ގެތަކާ 200 މިޓަރު ދުރުމިނުގަ އެވެ. މެސީ އާއި ސުއަރޭޒް އެ ސަރަހައްދުގައި ދިރިއުޅުނީ ސެކިއުރިޓީ ފާމް އަކާ ސެކިއުރިޓީ ބަލަން ހަވާލުކޮށްގެންނެވެ.

އާދިއްތަ ދުވަހުގެ ރޭ ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ރެއާލް ވަޔަޑޮލިޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އޮބާމަޔަން ބެންޗުގައި އިނެވެ.

މިދިޔަ ހަފުތާގައި ބާސާގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ގެ ކާރުން 50.000 ޑޮލަރުގެ އަގޮބޮޑު ގަޑިއެއް ގޭންގަކުން ވަގަށް ނެގި އެވެ.