އަމީނީ މަގުގައި މިހާރު ހަދަނީ އެ މަގުގައި މިހާރު ޕާކުކުރުުމަށް އޮންނަ ޖާގައަށް ވުރެ ބޮޑު ޕާކިން ޒޯނެއް ކަމަށާއި އެ ތަނުގައި މިހަފުތާ ތެރޭގައި އެ ތަން ޕާކުކުރަން ފެށޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، "މިހާރު" އަށް ވިދާޅުވީ އަމީނީ މަގުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ އެއް ބައިގައި ހަދަމުން އަންނަ ޕާކިން ޒޯނުގައި 335 ސައިކަލު ޕާކުކުރެވޭނެ ކަމަށެވެ.
"މިނީ ބަހުގެ ހިދުމަތް ފެށުމަށް އަމީނީ މަގުގެ ޕާކިން ނަގާތީ ސަރުކާރުން ހަމަޖައްސައިދިން ބިމުގައި ޕާކިން ޒޯނު ހަދަމުން މިދަނީ. އެ ތަން ހަދައި ނިމުނީމާ މިހާރު އަމީނީ މަގުގައި ޕާކުކުރުމަށް އޮންނަ ޖާގައަށް ގިނަ އަދަދަކަށް އެ ތަނުގައި ސައިކަލު ޕާކުކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ސްޓޭޑިއަމްގައި ކުޅިވަރު ކުޅެމުން އައި ސަރަހައްދުން އެއް ބައި ނަގައި އެ ތަނުގައި މިހާރު ކުރިއަށް ގެންދަނީ ޕާކިން ޖާގަ ކަނޑައަޅައި ތަޅުމުގައި ކުލަލުމުގެ މަސައްކަތެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ ޕާކިން ޒޯނު ކައިރިން ކާރު ޕާކުކުރުމަށް ވެސް ޖާގައެއް ކަނޑައަޅާނެ އެވެ. އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އެ ތަނުގައި ކިހާ އަދަދެއްގެ ކާރު ޕާކުކުރެވޭނެ ކަމެއް ސާފެއް ނުވެ އެވެ.
އަމީނީ މަގު ޕާކިން ޒޯނުގެ އިތުރުން މަޖީދީ މަގުގެ ދެތިން ސަރަހައްދަކުން ވެސް ޕާކިން ޒޯނު ހެދުމަށް ބިން ލިބޭނެ ކަމަށާއި ބިން ހަމަޖެހުނުހާ އަވަހަކަށް އެ މަސައްކަތް ވެސް ފަށާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލޭގެ އެންމެ ކާރޫބާރު ބޮޑު މަޖީދީ މަގުގައި އެއްކޮށް ޕާކުކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. އެންމެ ބޮޑެތި މަގުތަކުގެ ތެރޭގައި ފަރީދީ މަގާއި އޯކިޑް މަގާއި އަމީނީ މަގުގައި ވެސް އެއްކޮށް ޕާކުކުރުން މަނާކުރަން އޮތީ ނިންމައިފަ އެވެ.
މާލޭގައި އެންމެ ގިނަ އަދަދަކަށް ފިހާރަތައް ހުންނަ މަޖީދީ މަގުގައި ޕާކުކުރުން މަނާކުރުމުން ވެސް ފެންނަނީ ފިހާރަތައް ކުރިމަތީގައި ޕާކުކޮށްފައި ވިޔަފާރިކުރަން ވަންނަ މަންޒަރެވެ.
ވެހިކަލްތަކުން މާލެ ތޮއްޖެހިފައިވާއިރު މާލޭގެ ބޮޑެތި މަގުތަކުގައި ޕާކިން ޒޯނުތައް ނުހަދައި، އެ ތަންތަނުގައި ޕާކުކުރުން މަނާކުރުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.