ޚަބަރު / ރައީސް އަބްދުﷲ ޔާމީން

އާރަށު މައްސަލަ: ހެކިބަސް ނެގުން ނިންމާލައިފި، ދެން އޮތީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި: އެމަނިކުފާނުގެ ޝަރީއަތުގައި ހެކިބަސް ނެގުން މިއަދު ވަނީ ނިންމާލާފައި ފޮޓޯ/ފަޔާޒު މޫސާ

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި ހެކިބަސް ނަގައި މިއަދު ނިންމާލައިފި އެވެ.

ޔާމީނަށް ދައުވާކޮށްފައި ވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން 1 މިިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި މީގެ ކުރިން ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަގައި ވަނީ ނިންމާލާފަ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ނެގި ތިން ހެކިވެރިންގެ ހެކިބަހާ އެކު އާރަށު މައްސަލައިގައި ދައުލަތުން އަދި ދިފާއުން ވެސް ހުށަހެޅި ހެކިވެރިންގެ ހެކިބަސް މިއަދު ވަނީ ނަގައި ނިމިފަ އެވެ. ހެކިބަސް ނަގައި ނިމުމުން، މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް އިއުލާނު ކުރެއްވީ ދެން އޮންނާނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުން ކަމަށާއި އެކަމަށް ބާއްވާ އަޑުއެހުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ތައްޔާރުވުމަށް ހަތަރު ދުވަހަކީ މާ ކުޑަ މުއްދަތެއް ކަމަށް ބުނެ ޔާމީނާއި ޔޫސުފް ނައީމްގެ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ހެކިބަސް ދިރާސާކުރަން ވަގުތު ބޭނުންވާ ކަމަށް ބުނި ނަމަވެސް ގާޒީ ޝަކީލް ވިދާޅުވީ، ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުން ބާއްވާ ތާރީހު ފަސް ކުރެވެން އޮތް ނަމަ އެކަން ދެ ފަރާތަށް ވެސް އަންގަވާނެ ކަމަށެވެ.

ޔައުމިއްޔާ ބަލާފައި ސައީދު ވިދާޅުވީ ސައްހަ ނޫން ކަމަށް

މިއަދު އޮތް އަޑުއެހުމަށް ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި އެންމެ ފުރަތަމަ ހާޒިރު ކުރީ، އެމަނިކުފާނުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މިހާރުގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. އޭނާ ހުށަހެޅީ ދައުލަތުން ހުށަހަޅާފައި އޮތް ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ)ގެ ޔައުމިއްޔާއެއްގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމަށެވެ. އޭނާ 2013 އިން ފެށިގެން 2018 ވަނަ އަހަރަށް އެ ކައުންސިލުގައި މަސައްކަތް ކުރެއްވި އެވެ

ދިފާއީ ވަކީލު އާދަމް ޝަމީމް ކުރަވަމުން ގެންދެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އެކައުންސިލަށް ކަންކަން ހުށަހަޅާނީ ރައީސް އޮފީހުގައި އޮންނަ އީވައިސީ ސެކެޓްރިއޭޓަށް ކަމަށެވެ. އީވައިސީން މައްސަލައެއް ބަލައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމުން، ވަޒީރުން ޔައުމިއްޔާގައި ސޮއިކޮށް އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ސޮއި ކުރެއްވުމުން އެ ނިންމުމަށް ތަންފީޒީ ބާރު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އީވައިސީން މައްސަލައެއް ބަލައި ގޮތެއް ނިންމި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އެ ނިންމުމެއް އެންޑޯސް ނުކުރައްވަނީސް އެ ނިންމުމަކީ އެއްވެސް ބާރެއް އޮތް ނިންމުމަކަށް ވާނެތޯ ޝަމީމް އެއްސެވުމުން ސައީދު ވިދާޅުވީ، ރައީސް އެންޑޯސް ނުކުރައްވާހާ ހިނދަކު އޭގައި އެއްވެސް ބާރެއް ނޯންނާނެ ކަމަށެވެ.

ސައީދު އީވައިސީގައި މަސައްކަތް ކުރެއްވި އިރު އާރަށާ ގުޅޭ އެއްވެސް މައްސަލައެއް އެ ކޮމިޓީއަށް ހުށަހެޅި މަޝްވަރާ ކުރެވުނުތޯ އެއްސެވުމުން ސައީދު ވިދާޅުވީ، ވަކިވަކި މައްސަލަތައް ވިދާޅުވަން ނޭނގޭ ކަމަށެވެ.

ފަޅު ރަށްރަށް އެއް މިނިސްޓްރީން އެއް މިނިސްޓްރީއަށް ބަދަލުކުރަން އެދި އީވައިސީއަށް މައްސަލަ ހުށަހެޅޭތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ފަޅުރަށްރަށް ދޫކުރުމުގައި ދެ ވުޒާރާއެއްގެ ދެމެދުގައި މަޝްވަރާ ކުރުމަށް ފަހު ދެން ފަހުން އެކަން އަންގަން ޖެހޭ ފަރާތަކަށް އަންގާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އީވައިސީއަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.

ދައުލަތުން ބުނާ ގޮތުގައި އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޔޫސުފް ނައީމަށް ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރީ އީވައިސީގައި އެގޮތަށް ނިންމައިގެންނެވެ.

އޭނާ ވިދާޅުވީ، ހުރިހާ ޔައުމިއްޔާތަކެއްގައި މިނިސްޓަރުން ސޮއިކުރިކަން ސެކެޓްރިއޭޓުން ވަރަށް ފަރުވާތެރިކަމާ އެކު ކަށަވަރުކުރާނެ ކަމަށެވެ. އަދި އޭނާ ސޮއި ނުކުރައްވާ ޔައުމިއްޔާއެއް އޮންނާނެތޯ އެއްސެވުމުން ވިދާޅުވީ، "އޮވެގެން ނުވާނެ" ކަމަށެވެ. ސޮއި ނުކޮށް ވާ ނަމަ އެއީ ސައްހަ ޔައުމިއްޔާއަކަށް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށްދަނީ.

މިއަދުގެ އަޑުއެހުމުގެ ތެރެއިން ދައުލަތުން ހުށަހަޅާފައި އޮތް ޔައުމިއްޔާ ސައީދަށް ޝަރީއަތުގައި ދެއްކުމުން އޭނާ އެ ބައްލަވާފައި ވިދާޅުވީ، އެއީ ސައްހަ އެއްޗެއް ނޫން ކަމަށެވެ. އަދި އެއަށް ފަހު ދިފާއުގެ ސުވާލުތައް ނިންމާލި އެވެ.

"ނޫން މިއީ ސައްހަ ޔައުމިއްޔާއެއް ނޫން. އަޅުގަނޑުގެ ސޮއެއް އަދި މީގައި ބައިވެރިވި ބޭފުޅެއްގެ އެއްވެސް ސޮއެއް ނުފެނޭ،" ސައީދު ވިދާޅުވި އެވެ.

ސައީދު ކްރޮސްއެގްޒަމިން ކުރައްވަމުން ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް، ފުރަތަމަ ސުވާލު ކުރެއްވީ، އީވައިސީގެ ޔައުމިއްޔާއެއް ނަމަ އޭގައި ވަޒީރުންގެ ސޮއިކުރެވިފައި އޮންނަންވާނެ ކަމަށް އުސޫލެއް އޮވޭތޯ އެވެ. ސައީދު ވިދާޅުވީ، އެއީ ކަނޑައެޅިފައި އޮންނަ އުސޫލު ކަމަށެވެ. ސޮއިކުރުމަށް ފޮނުވަނީ ސެކެޓްރިއޭޓުން ކަމަށް ޔައުމިއްޔާގައި ބައިވެރިވިކަން އަމިއްލައަށް ކަށަވަރު ކުރައްވާތޯ ސުވާލު ކުރުމުން ވެސް އޭނާ ދަމަހައްޓަވަމުން ގެންދެވީ ހުރިހާ ޔައުމިއްޔާތަކެއްގައި ސޮއިކުރުވާ ކަމަށެވެ. އަދި ސެކެޓްރިއޭޓުގައި މަސައްކަތް ކުރި ބައެއް ބޭފުޅުންގެ ނަންތައް ވެސް ފާހަގަކުރެއްވި އެވެ.

ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަދި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި، އަހުމަދު ޒުހޫރު ވެސް މިއަދު ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކުރި އެވެ. އޭނާ ވެސް ވިދާޅުވީ، އީވައިސީގެ ނިންމުމަކަށް ބާރު ލިބޭނީ ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ ހިސާބުން ކަމަށެވެ. ސޮއިކޮށްފައި ނުވާ ޔައުމިއްޔާއެއް ސައްހަ ޔައުމިއްޔާއެއް ގޮތުގައި ބެލޭނެތޯ ވަކީލު ޝަމީމް ސުވާލު ކުރެއްވުމުން ޒުހޫރު ވިދާޅުވީ، އެއީ ސައްހަ ޔައުމިއްޔާއަކަށް ނުވާނެ ކަމަށެވެ.

އާރަށު މައްސަލައާ ގުޅޭ ކަމެއް އީވައިސީއަށް ހުށަހެޅި ބަހުސް ކުރެވުނުތޯ ސުވާލު ކުރުމުން ޒުހޫރު ވިދާޅުވީ، އެފަދަ ކަމެއް ހުށަހެޅިކަން ހަނދާނެއް ނެތް ކަމަށެވެ. އެފަދަ ކަމެއް ހިނގި ނަމަ އެޖެންޑާ ކުރެވި ޔައުމިއްޔާތަކުގައި ސޮއިކުރެވިފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ބައިވެރިވެވަޑައިގެންނެވި އެއްވެސް ބައްދަލުވުމެއްގެ ޔައުމިއްޔާގައި ސޮއިނުކޮށް އޮންނާނެތޯ ސުވާލުކުރުމުން ޒުހޫރު ވެސް ވިދާޅުވީ ނޯންނާނެ ކަމަށެވެ.

ޒުހޫރަށް ވެސް ދައުލަތުން ހުށަހެޅި ޔައުމިއްޔާ ދައްކުމުން އޭނާ އޭގެ ގަނޑުތައް ބަލާފައި ވިދާޅުވީ، އެއީ ސައްޔަ ޔައުމިއްޔާއެއް ނޫން ކަމަށެވެ. އަދި އޭނާ ސޮއިކޮށްފައި ނުވާކަން ފާހަގަކުރެއްވި އެވެ.

ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު މުޖުތާޒު ވެސް މިއަދު ދިފާއީ ހެއްކެއްގެ ގޮތުގައި ހާޒިރު ކުރި އެވެ.

ޝަމީމް ކުރަމުން ގެންދެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ރައީސް އޮފީހުން ސިޓީތައް ފޮނުވާއިރު، ސޮއި ކުރުމުގެ ބާރު ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިންނަށް އޮންނާނެ ކަމަށެވެ. އެހެންވެ، ބައެއް ފަހަރު ރައީސަށް ނޭނގި ވެސް "ރައީސް ވިދާޅުވެފައިވާ" ކަމަށް އިބާރާތްކޮށް ސިޓީ ފޮނުވާ ކަމަށް ވިދާޅުވި އެވެ. އެގޮތަށް ސިޓީގައި ބަޔާން ކުރުމަކީ ޒަމާނުއްސުރެ އަމަލުކުރުމުން އަންނަ އުސޫލު ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސަށް މަތިކޮށްފައި އޮންނަ ކަމެއް ކުރަން އެހެން ބޭފުޅަކު ރައީސް ވިދާޅުވެފައިވާ ކަމަށް އަންގައި ސިޓީއެއް ފޮނުވަފާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެގޮތަށް އަމަލުނުކުރާ ކަމަށެވެ.

7 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްރަފް

26 September 2022

އެއްމިލިއަނެއްގެ ފަހަތުން ނެއްޓެން ނޭނގި ބޮޑު ސަރުކާރެއް ކަރުތާފެނަށް އެޅިގެން މިދަނީ. ބަޔަކު މޮޔަވެދާނެ

The name is already taken The name is available. Register?

ނުނން

25 September 2022

މިޔަދު ޔާމީން އުޅެވިދާނެ އެއްކަލަ 100 މިލިޔަން ރުފިޔާ އެކަމަކު މާދަމާ އެއްކަލަ ލާރި ބޮޑި އާއި ގެދޮރު ދާންޖެހޭނީ ބަހައްޓާފަ.

The name is already taken The name is available. Register?

ހިޔާލީ އަލީ

25 September 2022

އަވަހަށް ނިންމާފަ ސްޕްރީމް ކޯޓާ ހަމައަށް ދާންވީ، ތިތަނުގަ ތި ހިނގާ ޝަރީއަތް ބަލާ ބަޔަކަށް އިނގޭނެ ކިހިނެތްކަން ތި މައްސަލަ ނިމޭނީ. ފަނޑިޔާރުންވެސް ވިސްނަންވީ މިނޫނަސް ދުވަހެއް އެބައޮތްކަން

The name is already taken The name is available. Register?

އެމްސް

25 September 2022

ފަނޑިޔާރުން ނޫން ފަރާތްތަކުންވެސް ތިޔަކަމަށް ވިސްނަންވީ! ބިލިޔަނުން ފައިސާ މަދު އިރު، ނެގި މީހެއް/އިޙުމާލުވި މީހެއްވެސް ނެތް! ހުރިހާ ގެއްލުމެއް ދައުލަތަށް؟

The name is already taken The name is available. Register?

ސައްޙާފް

25 September 2022

މައްސަލައިގެ ބާވަތާ، ހިނގާ ގޮތާ، ކުރެވޭ ޒުވާބާ ދޭ ރައްދު އަދި ވަގުތާއި ހާލަތަށް ބަލާއިރު ތި މައްސަލަ ޔާމީން ގެ މައްޗަށް ސާބިތު ވުމުގެ ފުރުސަތު ނެތެވެ. ވީމާ ރަނގަޅުު ގޮތަކީ ލަސްނުކޮށް ތިމައްސަލަ ނިންމާލުމެވެ.

The name is already taken The name is available. Register?

އެމްސް

25 September 2022

ހުރިޙާ ގެއްލުމެއް ރަޢިއްޔަތުންގެ ބޮލުގަ؟ ބިލިޔަނުން މަދުވި ފައިސާއަށް ވީ ކިހިނެއްބާ؟

The name is already taken The name is available. Register?

އައިސޫ

25 September 2022

އެއްކޮޅު އަދު އަހާފައި ތިހެން އަދި ނުބުނެވޭނެ! ހެއްކަކު އަނގައިން ބުނާ ބަހަށް ބާރު ދޭނެ އުސުލެއް ނެތި އަދި ގަބޫލެއް ނުކުރެވޭނެ. ރައީސް އޮފީހުގެ ކުރީގެ އެފަދަ އެތައް ޔައުމިއްޔާތަކެއް އެބަހުރި. އަބުނާފަދަ އުސޫލެއް ލިޔެވިފައެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454