ގިނަ އަދަދެއްގެ ޑޮލަރުތަކަކާ އެކު ފުރަން އުޅެނިކޮށް ބިދޭސީއަކު ހިފަހައްޓައިފި

ގިނަ އަދަދެއްގެ ޑޮލަރުތަކަކާ އެކު ރާއްޖެެ އިން ބޭރަށް ފުރަން އުޅެނިކޮށް ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.


އެނގިފައިވާ ގޮތުގައި ބަނގްލަދޭޝްގެ އެ މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ 86،255 ޑޮލަރު (1.3 މިލިއަން ރުފިޔާ) އާއި 2،400 ޔޫރޯ (38،000 ރުފިޔާ) އާއި 2،400 ދިވެހި ރުފިޔާއާ އެކު ފުރަން އުޅެނިކޮށެވެ. އެކަމަކު އޭނާ ފުރަން އުޅުނީ ކޮން ގައުމަކަށް ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުން ބުނީ ބޭރު ފައިސާތަކަކާ އެކު އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވާއިދު ބުނާ ގޮތުން 30،000 ޑޮލަރު ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެ އެތެރެ ކުރާ ނަމަ ނުވަތަ ރާއްޖެ އިން ބޭރަށް ގެންދާ ނަމަ މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް އެކަން ރިޕޯޓް ކުރަން ޖެހެ އެވެ.

މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ޑޮލަރާ އެކު ފުރަން އުޅެނިކޮށް ބަންގްލަދޭޝްްގެ މީހަކު ހައްޔަރުކުރި ކަމަށް އެނގިފައިވެ އެވެ. އެކަމަކު އޭނާ މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

މަނީ ލޯންޑްރިން ގާނޫނު ބުނާ ގޮތުން އެފަދަ ފައިސާއާ ބެހޭ ގޮތުން ސުވާލު ކުރެވޭ ހިނދު، އެއީ ކިހިނެއް ކޮން ގޮތަކަށް ލިބުނު އެއްޗެއް ކަން ސާބިތުކޮށް ދިނުމަކީ އެ ފައިސާ ގެންގުޅުނު ފަރާތުގެ ޒިންމާއެކެވެ.