ހަރަމްފުޅު ތެރޭ ހިނގަން އުނދަގޫވާ މީހުން ބޭނުން ކުރުމަށް 18،000 ކަރަންޓް ގާޑިޔާ ބޭނުން ކުރާނެ.
08 ޖޫން 2016 - 12:44
ރިޔާޒް (ޖޫން 8) - ރޯދަ މަހު ހަރަމްފުޅުގައި އަޅުކަން ކުރަން ދަތިވާ ފަރާތްތަކަށް ލުއި ފަސޭހައަކަށް ކަރަންޓް ބޭނުން ކުރެވޭ 18،000 ގާޑިޔާ ބޭނުން ކުރަން ނިންމައިފި އެވެ.
ކަރަންޓް ގާޑިޔާތައް ބޭނުން ކުރުމުގައި ސަރުކާރު މުވައްޒަފުންނާއި ޒުވާނުން ބޭނުން ކުރާނެ އެވެ.
ހަރަމްފުޅުގެ ވެހިކަލް މެނޭޖްމަންޓް ޑިރެކްޓަރު ފާރިސް އަލް މަތުރާފީ ވިދާޅުވީ ހަތަރު ވައްތަރެއްގެ ގާޑިޔާ ބޭނުން ކުރާނެ ކަމަށާއި ގާޑިޔާތައް އިންތިޒާމްކޮށްފައި ވަނީ ތިން ޝިފްޓަށް މަސައްކަތްކުރާ ގޮތަށް ކަމަށެވެ. އަދި ބައެއް ގާޑިޔާތަކުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާއްމުކޮށް ކަރަންޓުން ދުއްވާ ގާޑިޔާތަކަށް ޗާޖު ކުރަނީ 75 ރިޔާލެވެ. ހަރަމްފުޅުގެ ފުރަތަމަ ބުރީގައި ވެސް 550 ގާޑިޔާ ބޭނުން ކުރާނެ އެވެ. މި ގާޑިޔާތަކަށް ޗާޖް ކުރަނީ 100 ރިޔާލެވެ.
ހަރަމްފުޅުގައި އަމިއްލަ ކުންފުންޏަކުން ވެސް ކަރަންޓުން ދުއްވާ 300 ސްކޫޓަރު ބޭނުން ކުރާނެ އެވެ. މި ސްކޫޓަރުތައް ވެސް 100 ރިޔާލަށް ކުއްޔަށް ދޫކުރާނެ އެވެ.
ހަރަމްފުޅުގައި ދުއްވާ ގާޑިޔާތައް މޮނިޓާ ކުރުމަށް 174 އޮބްޒާވަރުން ބޭނުން ކުރާނެ ކަމަށް އަލް މުތުރާފީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy