ރަޖިސްޓްރީ ނުކުރާ ސިމްތައް ބޭނުންކޮށްގެން ސްކޭމް ކޯލް ކުރާ މައްސަލަ އިންތިހާ އަށް ބޮޑުވުމެ އެ މައްސަލައަށް ހައްލު ހޯދަން އުސޫލުތައް ހަރުކަށި ކުރުމަށް އިތުރު ހަ މަސް ދުވަހަކީ މާ ދިގު މުއްދަތެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.
ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ކުންފުނިތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ލުއިކޮށް އޮތުމުގެ ސަބަބުން ސިމްތައް ރަޖިސްޓްރީ ނުކޮށް ބޭނުން ކޮށްގެން މީހުންނަށް ގުޅައި މީހުން އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އޮތީ ވަރަށް ބޮޑުވެފަ އެވެ.
އެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެސް ސިމްތަކުގެ ރަޖިސްޓްރޭޝަންގެ މައްސަލަތަކާއި ލިމިޓެއް ނެތި ސިމް ވިއްކާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެކަން ހައްލު ކުރުމުގެ ގޮތުން ކޮމިއުނިކޭޝަން އޮތީރިޓީ އޮފް މޯލްޑިވްސް (ކެމް) އިން ބުނީ އެކްޓިވޭޓް ކޮށްފައި ހުންނަ ސިމްތައް ދޫކުރުން ޑިސެމްބަރު 1 އިން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށާއި ސިމް ލިމިޓް ކުރުމާއި އެހެނިހެން ހައްލުތައް ހަ މަސް ތެރޭގައި ގެންނާނެ ކަމަށެވެ.
އެކަމަށް ފާޑު ވިދާޅުވެ ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ސަލާމަތާ ބެހޭ މައްސަލައެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރާ މައްސަލައެއް ހައްލުކުރަން ހަ މަސް ދުވަސް ހޭދަ ކުރުން މާ ލަސް ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ސިމްތައް ބޭނުން ކުރާ އުސޫލުތައް މިހާރަށް ވުރެ ހަރުކަށި ކުރުމަކީ ޒަމާނުއްސުރެ ފުލުހުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް އެދެމުން އަންނަ މައްސަލައެއް ކަމަށެވެ.
އެކަމާ ގުޅިގެން ސެކިއުރިޓީ އާ ގުޅޭ އެތައް ކަމެއް އެބަހުރި ކަމަށާއި، ސްކޭމް ކޯލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ނަގާ މީހުން ނުހުއްޓުވެނީ ވެސް އެ އުސޫލުތައް ދޫކޮށްލާފައި އޮންނާތީ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އެކަން ނުކޮށް އޮންނަ ކޮންމެ ދުވަހަކީ ވެސް އެތައް ރައްޔިތުންތަކަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމެއް. ފުލުހުން މި ވާހަކަ ދައްކާތާ ކޮން ޒަމާނެއް. އެއްބަސްނުވެގެން މިކަން ނުވެގެން އޮތީ. އިތުރު ހަ މަސް މާ ލަސް،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޕާލިމެންޓަރީ ގްރޫޕުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ. ރައްޔިތުންނާ ގުޅޭ މިފަދަ މައްސަލަތައް ހައްލު ކުރަން އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.