ރަބަރޭ މަރާލި މައްސަލާގައި ދައުވާކޮށް، މާދަމާ ޝަރީއަތް ފަށަނީ

މަރައިލުމަށް ފަހު، ސްރީ ލަންކާގެ ސަރަހައްދަކަށް އެއްލާލާފައި އޮއްވައި ފެނުނު ހުސެއިން ރަޒީން (ރަބަރޭ) ގެ މަރުގެ މައްސަލާގައި މީހެއްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ނޮވެމްބަރު، 2015 ގައި ރަބަރޭ މަރާލާފައި އޮއްވައި ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރަނީ ރ. ކަނދޮޅުދޫ ފީރޯޒުގޭ، އިބްރާހިމް އަބްދުއްރަހުމާންގެ މައްޗަށެވެ.

މާދަމާ ޝަރީއަތް ފަށަން ހަމަޖައްސާފައިވާ މި މައްސަލާގައި އިބްރާހިމްގެ މައްޗަށް ކުރަނީ އެނގި ހުރެ މަރެއް ފޮރުވުމުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖެ އިން ބޭރުގައި ހިނގި މިފަދަ ހާދިސާއަކާ ގުޅިގެން ރާއްޖޭގައި މީހެއްގެ މައްޗަށް ޝަރީއަތް ހިންގާ ފުރަތަމަ ފަހަރެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ރާއްޖޭގެ ފުލުހުންގެ ޓީމެއް ވެސް ލަންކާގައި ހަރަކާތްތެރިވެފައިވެ އެވެ.

މި މައްސަލަ ތަހުގީގުކުރި ލަންކާގެ ފުލުހުންގެ ޓީމުން އޭރު ބުނެފައިވާ ގޮތުގައި، ރަބަރޭ މަރައިލީ ދިވެހި ވިޔަފާރިވެރިޔަކު ޚަރަދުކޮށްގެންނެވެ. އަދި އެކަން އޭނާ ކުރީ އޭނާގެ ކޮއްކޮގެ މަރުގެ ބަދަލު ހިފަން ކަމަށް ވެސް ލަންކާގެ ފުލުހުން ބުނެފައިވެ އެވެ. މީގެ އިތުރުން ރަބަރޭ މަރައިލި މީހުންނަށް 140 މިލިއަން ލަންކާ ރުޕީސް އެ މީހާ ދިން ކަމަށް ލަންކާގެ ފުލުހުން އޭރު ބުނެފައިވެ އެވެ.