ޔޫޑަބްލިއުސީ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ޔުނައިޓެޑް ވޯލްޑް ކޮލެޖު (ޔޫޑަބްލިއުސީ)ގެ ތިން ސްކޮލަޝިޕަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މިއީ އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެހީގައި 2000 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ސްކޮލަޝިޕެކެވެ. މި ސްކޮލަޝިޕް ހާއްސަކޮށްފައިވަނީ އުމުރުން 15-17 އަހަރާ ދެމެދުގެ، ގްރޭޑް 10 ނިންމާފައިވާ ދަރިވަރުންނަށެވެ.

މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ވަނީ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.

ޔޫޑަބްލިއުސީ ސްކޮލަޝިޕުގައި ދަރިވަރުން ފުރިހަމަކުރާނީ އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ޑިޕްލޮމާ އެވެ. އައިބީ އަކީ އޭލެވެލްއާ އެއް ފެންވަރުގެ، ދުނިޔޭގެ ހުރިހާ ޔުނިވާސިޓީތަކެއްގައި ވެސް ގަބޫލުކުރާ އަދި ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ދެ އަހަރު ދުވަހުގެ ކޯހެކެވެ.

މިހާތަނަށް މި ސްކޮލަޝިޕްގައި ދިވެހި 45 ދަރިވަރުން ވަނީ ތައުލީމް ހާސިލްކޮށްފަ އެވެ. މިހާރު ވެސް އެ ކޮލެޖުގައި ރާއްޖޭގެ ހަތަރު ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.

ދުނިޔޭގެ އެކި ހިސާބުގައި ޔޫޑަބްލިއުސީގެ 17 ކޮލެޖު ހުރެ އެވެ. އެހެންކަމުން މި ސްކޮލަޝިޕް ލިބޭ ދަރިވަރުން ތައުލީމް ހާސިލްކުރާނީ މި ކޮލެޖުތަކުގެ ތެރެެއިން ކޮލެޖެއްގަ އެވެ.

ޔޫޑަބްލިއުސީގެ ރާއްޖޭގެ ކޮމެޓީން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެ ސްކޮލަޝިޕަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ދެ އަހަރުގެ ކޯސް ނިމުމުން، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން އެ ދަރިވަރުންނަށް އިތުރު ސްކޮލަޝިޕް ލިބެމުން އަންނަކަން ފާހަގަކުރެއްވި އެވެ.

"ކިޔަވަން ދިޔަ ދަރިވަރުންގެ ތެރެއިން 95 ޕަސެންޓް ދަރިވަރުންނަށް އެބަހުރި، ދުނިޔޭގެ އެންމެ ރަނގަޅު ޔުނިވާސިިޓީތަކުން ސްކޮލަޝިޕް ލިބިފައި. އެއީ ރާއްޖެއިން ކިޔަވަން ދާ ދަރިވަރުން ތައުލީމީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކުގެ ސަބަބުން ލިބޭ ސްކޮލަޝިޕް،" އޮފިޝަލަކު ވިދާޅުވި އެވެ.

ސްކޮލަޝިޕް ފޯމް ފުރިހަމަ ކުރުމަށް ހުށަހަޅަން ޖެހޭނީ އަލިފުޅު ތުއްތު ފައުންޑޭޝަންގެ އޮފީހަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ޔޫޑަބްލިއުސީގެ ބައެއް ސްކޮލަޝިޕްތަކަކީ، ކޯހުގެ ދެބައިކުޅަ އެއްބައި ސްޕޮންސާކޮށްފައިވާ ކޯސްތަކެވެ. އަލިފުޅު ތުއްތު ފައުންޑޭޝަނުން އެހީވަނީ އެ ސްޕޮންސާ ނުކުރާ ބައި ފޫ ބެއްދުމަށެވެ. އެހެންކަމުން ރާއްޖެއިން ކިޔަވަން ދާ އެއްވެސް ދަރިވަރަކަށް އަމިއްލައަށް ހަރަދުކުރަން ނުޖެހޭނެ ކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.

"ރާއްޖެއިން އެ ސްކޮލަޝިޕްގައި ކިޔަވަން ދާ އެއްވެސް ދަރިވަރަކަށް ނުޖެހޭނެ އަމިއްލައަށް ހަރަދުކުރާކަށް. އަލިފުޅު ތުއްތު ފައުންޑޭޝަންގެ ވަރަށް ދީލަތި އެހީއާއެކު މި ފުރުސަތު ދެވިގެން މި ދަނީ،" ޔޫޑަބްލިއުސީގެ ރާއްޖޭގެ ގައުމީ ކޮމެޓީގެ އޮފިޝަލް ވިދާޅުވި އެވެ.