ސަރުކާރުގެ ސްކޮލަޝިޕްތަކުގައި ކިޔަވަން ބޭރު ގައުމުތަކަށް ގޮސް ތިބި ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑް ނުލިބޭ މައްސަލައިގެ ޝަކުވާ ލިބިފައި ނުވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފައިވީ ނަމަވެސް އެ ދަރިވަރުންނަށް ބޮޑެތި އަދި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރަށް މިއަދު ރިޕޯޓެއް ފޮނުއްވައިފި އެވެ.

ދަރިވަރުން އެކި ފަހަރު މަތިން ފޮނުވާފައިވާ މެސެޖުތަކުގެ ކޮޕީއާ އެކު، ހަޔާ އެޑިއުކޭޝަން މިނިސްޓަރަށް ކުޑޫ ފޮނުއްވި ރިޕޯޓުގައި ވިދާޅުވީ، އެ މިނިސްޓްރީން ދަރިވަރުންނަށް އިހުމާލުތައް ވެފައިވާ ކަމަށާއި ރިޕޯޓު އެކުލަވައިލީ އެކަން އެ މިނިސްޓްރީއަށާއި އާއްމުންނަށް ހާމަކޮށްދެއްވަން ކަމަށެވެ.

ކުޑޫގެ ރިޕޯޓުގައި ހިމަނާފައިވާ މައިގަނޑު ކަންބޮޑުވުންތައް:

- ގިނަ އަދަދެއްގެ ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑް ނުލިބި ދެ މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތެއް ވެފައިވުން.

- ޓިކެޓް ފައިސާ އާއި އެހެނިހެން ހަރަދުތަކުގެ ބަދަލު ހޯދަން ހުށަހެޅިތާ އެތައް މަހެއް ވީއިރު ވެސް ފައިސާ ޖަމާވެފައި ނުވުން.

- މިނިސްޓްރީން އީމެއިލްތަކަށް ޖަވާބު ނުދޭ ކަމާއި ވަޓްސްއަޕް މެދުވެރިކޮށް ދެނީ ވަރަށް ނުސާފު ޖަވާބުތަކެއް.

- ފައިސާ ލަސްވުމުގެ ސަބަބުން ކުލި ދެއްކުމަށާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ފައިސާ ނެތި ދަރިވަރުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުން.

- މިހާރު ދޭ ސްޓައިޕެންޑަކީ މީގެ ގިނަ އަހަރުތަކެއް ކުރީގެ ރޭޓުތަކަކަށް ވުމުން، މިހާރުގެ އިންފްލޭޝަނާ ގުޅިގެން އެ ފައިސާ އިން ހަރަދުތައް ހަމަނުޖެހޭކަން ދަރިވަރުން ފާހަގަކޮށްފައިވުން.

- މިނިސްޓްރީން ކޯސް ފީ ނުދެއްކުމުގެ ސަބަބުން އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ކިޔަވާ ދަރިވަރުންގެ އެކައުންޓުތައް ސަސްޕެންޑްކޮށް، ނަތީޖާ ނުފެނުމާއި ކްލާސްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކޮށްފައި ވުމާއި ބައެއް ދަރިވަރުންގެ ސްކޮލާޝިޕް ކެންސަލްވާ ހިސާބަށް ކަންކަން ގޮސްފައިވުން.

- ދަރިވަރުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ގެއްލުމާއި އެއް ލިޔުމެއް ތަކުރާރުކޮށް ހުށަހަޅަން އެންގުމާއި އަދި ކަމާބެހޭ މުވައްޒަފުންނާ ބައްދަލުނުވުން.

- މިނިސްޓްރީގެ މަސައްކަތްތައް ހުރި ގޮތުން ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް، ސަރުކާރުގެ ނިޒާމަށް އޮތް އިތުބާރު ގެއްލުން.

- ފޯނު ނުނެގުމާއި "ސީން" ކުރުމަށް ފަހު ޖަވާބު ނުދިނުމަކީ އާންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވުން.

ކުޑޫ މިކަންތައްތައް ފާހަގަކުރެއްވި ނަމަވެސް އެކަމާ ގުޅޭ ގޮތުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއާ "މިހާރު" އިން އިއްޔެ ސުވާލު ކުރުމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސޯޝަލް މީޑިއާގައި އެ މައްސަލަ ފެންމަތިވުމުން މިނިސްޓްރީން އެކަން ވަރަށް ގާތުން ބެލި ކަމަށެވެ.

ނަމަވެސް އޮސްޓްރޭލިއާ އަދި އެ ނޫން ވެސް ގައުމެއްގައި ކިޔަވާ ދިވެހި ދަރިވަރަކަށް މިހާތަނަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑޫ ވިދާޅުވީ އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަގުތުން ވަގުތަށް އިސްލާހުކޮށް، ދަރިވަރުންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލު ހޯދައިދޭންޖެހޭ ކަންތައްތައް ކަމަށެވެ.