ޒުވާން ލީޑަރުން އުފައްދަން ހުރިހާ ހަރަދަކާ އެކު ޗައިނާ ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަޝިޕްގައި، މާސްޓާސްއަށް ކިޔަވަން 200 ފުރުސަތަށް މިއަދު ހުޅުވާލައިފި އެވެ.
ޗައިނާގައި މާސްޓާސް އަށް ކިޔަވަން ދިވެހިންނަށް ހުޅުވާލި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްގައި ހުރިހާ ހަރަދެއް ދޭ ގޮތަށް ނިންމާަފައި ވަނީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލުންނެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެއް އަހަރު ދުވަހުގެ ސްކޮލާޝިޕްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަހަރުގެ މާޗް މަހުގެ 29ގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހަޅަން އެދިފަ އެވެ.
ޗައިނާގެ 92 ޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު އެ ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޑިގްރީ ނިންމާފައިވުމާއެކު އުމުރުން 45 އަހަރު ނުވާ މީހެއްކަމުގައި ވުން ހިމެނެ އެވެ.
އެ ކޯސްތަކަށް ހޮވޭ ދަރިވަރުން ސަމާލުކަން ދޭން ޖެހޭ ކަންކަން މިނިސްޓްރީން ވަނީ ހަނދާންކޮށްދީފަ އެވެ. އޭގެ ތެރޭގައި، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އަދި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަން ވަނީ އެދިފަ އެވެ.
މިނިސްޓްރީން ވަނީ، ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަން ޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ދަރިވަރުން، ކޯހަށް ފުރުމުގެ ކުރިން އެ ކޯހަކީ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި ހިންގާ އަދި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކަށަވަރު ކުރަން ވެސް ހަނދާންކޮށްދީފަ އެވެ.