އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) އިން ހިންގުމަށް ހަމަޖެހިފައިވާ "އެއިޑް ޓު މޯލްޑިވްސް ސްކީމް" ގެ ދަށުން ރާއްޖެއަށް 20 އަންޑާގުރެޖުއޭޓް ސްކޮލާޝިފް ދީފި އެވެ.

މިދިޔަ ހޯމަ ދުވަހު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ސްކޮލާޝިޕްތަކަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ ސްކޮލާޝިޕަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލާޝިޕް ދޭ ފަރާތުންނެވެ.

ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv ގެ އިތުރުން ކުރި ޕޯޓަލް https://kuri.gov.mv އިން ވެސް ލިބޭނެ ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުންޏެވެ.

ސްކޮލާޝިޕްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުން އަންނަ މަހުގެ 15ގެ ކުރިން https://a2ascholarships.iccr.gov.in އަށް ފޯމު ހުށަހެޅުމަށް ވެސް އެދިފައިވެ އެވެ.

ކޯސްތަކަށް ހޮވޭ ދަރިވަރުން ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އޭގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވިއްޖެނަމަ ކޯހަށް ފުރުމުގެ ކުރިން އެ ކޯހަކީ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.