ދިވެހި ފުލުހުންނަށް އިންޑިއާއިން ލިބުނު ސްކޮލަޝިޕް ފުރުސަތުތަކެއްގައި މަތީ ތައުލީމު ހާސިލް ކުރުމަށް 10 ފުލުހަކު އެ ގައުމަށް ފުރައިފި އެވެ. އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަސިޓީން ލިބުނު ސްކޮލަޝިޕްތަކުގެ ތެރޭގައި ހިމެނެނީ މާސްޓާސް އެއް ކޯހަކާއި ނުވަ ޑިގްރީ ޕްރޮގްރާމެވެ.

މި ސްކޮލަޝިޕްތަކުގެ ތެރެއިން ދެ ކޯހެއްގެ ޓިއުޝަން ފީ އާއި އަށް ކޯހެއްގެ 50 ޕަސަންޓް ޓިއުޝަން ފީ ދެނީ ލަވްލީ ޕްރޮފެޝަނަލް ޔުނިވަސިޓީން ކަމަށް ފުލުހުން ބުންޏެވެ. އެ ޔުނިވަސިޓީން 100 ޕަސަންޓް ޓިއުޝަން ފީ ހަމަޖައްސާފައި ވަނީ ފޮރެންސިކް ސައިންސްއާ ގުޅުން ހުރި ދެ ކޯހަކަށެވެ. ފުލުހުންގެ އިދާރާއިން ބުނީ ސްކޮލަޝިޕްތަކަށް މުވައްޒަފުން ހޮވީ ކޯސްތަކަށް ޝައުގުވެރިވާ މުވައްޒަފުން ހޯދުމަށް އިއުލާން ކުރުމަށް ފަހު، ކޯހަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ތެރެއިން އެންމެ މަތީ މާކްސް ލިބުނު މީހުންނަށް އިސްކަން ދީގެން ކަމަށެވެ. އެގޮތުން ސްކޮލަޝިޕްތަކަށް ހޮވޭ މުވައްޒަފުންނަށް ފުލުހުންގެ މުއައްސަސާގެ ފަރާތުން އިންޑިޔާއަށް ދިޔުމަށް ދެކޮޅު ޓިކެޓާއި މުވައްޒަފެއްގެ ރޭންކަށް ކަނޑައެޅިފައިވާ މުސާރަ އާއި އެލަވަންސްތައް ވަނީ ހަމަޖައްސައި ދީފައި ކަމަށް ވެސް ފުލުހުންގެ އިދާރާއިން ބުންޏެވެ.