ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް ރޭ ދަންވަރު ބަންޑުން ޖަހާލި ލޯންޗުގައި އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާ ވެސް ދަތުރުކުރި ކަމަށާއި އޭނާ އަށް ވެސް ފަރުވާދޭން ޖެހުނު ކަމަށް ފުލުހުން ބުނެފި އެވެ. 

ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އެ ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި އިންޑިއާގެ ދެ މީހަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ.

އެ ލޯންޗުގައި ހަތް މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނަކާއި އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނެކެވެ. 

ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ފަސް މީހަކު ވެއްޓުނު އެވެ. 

ފުލުހުން ބުނި ގޮތުގައި އަނިޔާވި މީހުންގެ ތެރޭގައި ބިލިއަނަރު ގޯތަމް ވެސް ހިމެނެ އެވެ. އޭނާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ފަހު، އޭނާ ވަނީ ހެޔޮ ހާލުގައި ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އެ ހާދިސާގައި ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގް ހިމެނޭ ކަމަށްވެ އެވެ.

ބަންޑުން ޖަހާލި ލޯންޗަކީ އުމުރުން 60 އަހަރުގެ ގޯތަމްގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ބޭނުންކުރާ ލޯންޗެކެވެ. އަދި ގޯތަމް މިހާރު ހުރީ މުމްބާއީގައި ކަމަށް ވެސް އެނގިފައި ވެ އެވެ. 

ގޯތަމްއަކީ އާންމުކޮށް ރާއްޖެ އަށް ޗުއްޓީ ހޭދަކުރައްވަން ވަޑައިގަންނަވާ ބޭފުޅެކެވެ. 

ގޯތަމްއާ އެކު، ދަތުރުކުރި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން އަދިވެސް އަންނަނީ ކުރަމުންނެެވެ. އެ ލޯންޗު ބަންޑުން ޖަހާލީ ވަރަށް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކަމަށް އެނގިފައި ވެ އެވެ.