މޫދަށް ފުންމާލި ފަހުން ގެއްލިގެން ހޯދަމުން އަންނަ ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސްގެ އިމާމު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.
ރިސޯޓުގެ ސީސީޓީވީން ފެންނަ ގޮތުގައި، އިންޑިއާ އަށް އުފަން، އުމުރުން 30 އަހަރުގެ މީހާ ރޭ މޫދަށް ފުންމާލީ ފޯނުން ވާހަކަ ދައްކަމުން ގޮސް، އެ ރިސޯޓުގެ ސަޕްލައި ޖެޓީ މަތިން ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އެ މީހާ ހޯދުމަށް މިހާތަނަށް މޫދުގެ 120,000 ސްކެއާ މީޓަރު ބަލާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އޭނާ ނުފެންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އޭނާ މޫދަށް ފުންމާލި ދިމާ ބަލަމުން އެ ދަނީ. އޮޔާއި ވައި ހުރި ގޮތަށް ބަލައި އެހެން ހިސާބުތައް ވެސް އެބަ ބަލަން،" އޮޕަރޭޝަނާ ގުޅޭ ގޮތުން އާޒިމް ވިދާޅުވި އެވެ.
ޑައިވް އަދި ސްނޯކްލިން ކޮށްގެން އެ މީހާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ގެއްލުނު މީހާއާ ގުޅޭ ގޮތުން، ށ. އަތޮޅުގައި ހިންގާ އެ ރިސޯޓްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުލުހުން ވެސް އަންނަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.