އަންނަ އަހަރު ކޮރެއާގައި ފަށާ އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ކޮއިކާ) ސްކޮލާޝިޕް ފެލޯޝިޕް ޕްރޮގްރާމްގެ ދަށުން ޕީއެޗްޑީ އާއި މާސްޓާސް ޑިގްރީއަށް ކިޔަވަން ހުޅުވާލައިފި އެވެ.
ކޮރެއާގެ ޔުނިވާސިޓީތަކުގައި ކިޔަވަންދޭ އެ ސްކޮލާޝިޕްގައި ކިޔަވަން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލީ ޕީއެޗްޑީގެ ހަތަރު ސްކޮލާޝިފަށާއި މާސްޓާސްގެ 11 ސްކޮލާޝިޕަށެވެ.
ސްކޮލާޝިޕަށް ހުޅުވާލާފައިވާ ދާއިރާތައް:
- އިންފެކްޝަން ކޮންޓްރޯލް
- ޑިޖިޓަލް ހެލްތު
- ފިޝަރީޒް
- އެގްރި ބިޒްނަސް އޮޕަރޭޝަން
- އިކޮނޮމިކް ޕޮލިސީ އެންޑް ޕްލޭނިން
- ސޯޝަލް އިކޮނޮމީ
- މެނޭޖިން ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރްމެންޓް
- އީ ގަވަމެންޓް އެންޑް ޕަބްލިކް މެނޭޖްމަންޓް
އެ ސްކޮލަޝިޕްތަކުގެ ދަށުން ލިބޭ ހަރަދުތަކުގެ ތަފްސީލު އިއުލާނާއެކު މިނިސްޓްރީގެ ޕޯޓަލްއިން ލިބެން ހުންނާނެ އެވެ.
ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ދަރިވަރަކަށް ވިޔަސް، އެ ސްކޮލާޝިޕް ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. ނަމަވެސް އެހެން ސްކޮލާޝިޕަކަށް ނޮމިނޭޓްވެފައިވާ ދަރިވަރަކަށް އެ ސްކޮލާޝިޕަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސްކޮލާޝިޕަށް އެދި އޮންލައިން އެޕްލިކޭޝަން، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ގެ ކުރިން ކުރި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
މިނިސްޓްރީން ބުނީ އިތުރު މައުލޫމާތު ކުރި ޕޯޓަލުންނާއި ކޮއިކާގެ ވެބްސައިޓް https://www.koica.go.kr/sites/koica_en/index.do އަދި 1474 ނަމްބަރުން ލިބޭނެ ކަމަށެވެ.