އަންނަ އަހަރުން ފެށިގެން ރައީސްގެ ސްކޮލާޝިޕް ދޭނީ "ޓްރެއިނިންގް ނީޑްސް ރިކުއާމަންޓް" ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުން އެކަނި ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ރޭ ވަނީ ރައީސްގެ ސްކޮލާޝިފް އުސޫލަށް ބައެއް ބަދަލުތައް ގެނެސް އާންމު ކޮށްފަ އެވެ.
މީގެ ދެ އަހަރު ކުރިން 2024 ގައި އާންމު ކުރި އުސޫލުގެ ދަށުން ރައީސްގެ ސްކޮލާޝިޕް ލިބޭ ދަރިވަރު ބޭނުންވާ ކޮންމެ ދާއިރާއަކުން ވެސް ކިޔެވުމުގެ ފުރުސަތު އޮވެ އެވެ.
ނަމަވެސް ރޭ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އާންމުކުރި އުސޫލުގައި ވަނީ ރައީސްގެ ސްކޮލާޝިޕްގެ ފުރުސަތު އަންނަ އަހަރުން ފެށިގެން ދޭނީ އެ ވަގުތައް މިނިސްޓްރީން އާންމު ކޮށްފައިވާ "ޓްރެއިނިންގް ނީޑްސް ރިކުއާމަންޓް" ލިސްޓުގައި ހިމެނޭ ދާއިރާތަކަށް އެކަނި ކަމަށެވެ.
ނަމަވެސް މިދިޔަ އަހަރު ގްރޭޑް 12 ނިންމި ދަރިވަރުންގެ ތެރެއިން ޕްރެޒިޑެންޓް ސްކޮލަޝިޕް ހޯދި ދަރިވަރުންނަށް، އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
ރައީސްގެ ސްކޮލަޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ހޯދައި، އޯލެވެލް ނުވަތަ އެ އަށް ވުރެ މަތިން އިނގިރޭސި މާއްދާއިން ސީ ފާހަށް ވުރެ މަތިން ހޯދި ދަރިވަރުންނަށެވެ.
އެ ސްކޮލަޝިޕް ލިބިގެން ކިޔަވާ ދަރިވަރުން ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރަން ޖެހެ އެވެ. ހިދުމަތް ނުކުރާ ނަމަ ސްކޮލާޝިޕަށް ސަރުކާރުން ކުރި ހަރަދު، ކަނޑައަޅާ ގޮތެއްގެ މަތިން ދައްކަން ޖެހެ އެވެ.