ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރެވޭ ގޮތަށް އަލުން އުސޫލު ބަދަލުކޮށްފި އެވެ. 

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރުނު އުސޫލުގައި ވަނީ، އޭ ލެވެލްގައި ފަސް މާއްދާއަކުން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ލިބޭ ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ރޮނގަކުން ކިޔެވޭނެ ގޮތް ހަމަޖައްސައިދީފަ އެވެ. 

އެ އުސޫލު ކުރިން އޮންނަ ގޮތުން ވެސް، ރައީސްގެ ސްކޮލަޝިޕްގައި އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ކިޔެވެ އެވެ.

ނަމަވެސް، އެ ޝަރަފުވެރި ސްކޮލަޝިޕްގައި ކިޔެވޭނީ "ޓްރެއިނިންގް ނީޑްސް ރިކުއާމަންޓް" ލިސްޓުގައި ހިމަނާފައިވާ ދާއިރާތަކުން އެކަނި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުއްލި ގޮތަކަށް  ކަނޑައަޅައި އިއުލާން ވެސް ކުރި އެވެ. އެއާ އެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ރައީސްގެ ސްކޮލަޝިޕް ލިބިގެން ކިޔަވާ ދަރިވަރުން ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރަން ޖެހެ އެވެ. ހިދުމަތް ނުކުރާ ނަމަ ސްކޮލާޝިޕަށް ސަރުކާރުން ކުރި ހަރަދު، ކަނޑައަޅާ ގޮތެއްގެ މަތިން ދައްކަން ޖެހެ އެވެ.

އޭ ލެވެލްގައި އެންމެ މަތީ ވަނަ ހޯދާ ދަރިވަރުންނަށް ދެ ބާވަތެއްގެ ސްކޮލަޝިޕެއް ސަރުކާރުން ދެ އެވެ. އޭގެ ތެރެއިން، ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ އުސޫލަށް ވެސް ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ. މި އަހަރުން ފެށިގެން އެ ސްކޮލަޝިޕް ލިބޭނީ އެއް މާއްދާއިން އޭ ސްޓާ އަދި ހަތަރު މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށެވެ.