ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕްތަކުގައި ރާއްޖެއިން ބޭރުގައި ކިޔަވާ 1،800 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން އެބަތިބި ކަމަށާއި އޭގެ ތެރެއިން 60 ޕަސެންޓް ދަރިވަރުން ކިޔަވަނީ މެލޭޝިއާގައި ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން ދިން މައުލޫމާތުގައިވާ ގޮތުން 2023 ވަނަ އަހަރު އިއުލާނުކުރި 720 ލޯނުގެ ފުރުސަތަށް އެދި ހުށަހެޅި ކުދިންގެ ތެރެއިން 1،274 ކުދިން ލޯނަށް ހޮވިފައިވެ އެވެ. އެކަމަކު އޭގެ ތެރެއިން ބޭނުންކުރި ލޯނުގެ އަދަދަކީ 1،079 ކަމަށާއި އެ އަހަރުގެ ލޯނުތަކުގެ ތެރެއިން 195 ލޯނެއް ބޭނުން ނުކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ޖެހިގެން އައި އަހަރު 500 ލޯނަށް ހުޅުވާލުމުން 1،382 ކުދިން ޝަރުތު ހަމަވެ ލޯނުގެ ފުރުސަތު ލިބުނެވެ. އެކަމަކު އޭގެ ތެރެއިން ނަގާފައިވަނީ 881 ލޯނު ކަމަށާއި ބާކީ 501 ލޯނު އަދި ބޭނުން ނުކުރާ ކަމަށް ވެސް ބުންޏެވެ. 

ލޯނަށް ހުޅުވާލާ އަދަދަށް ވުރެ އިތުރަށް ދޫކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަނީ ލޯނަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދޭން ސަރުކާރުން ނިންމާފައިވާތީ އެވެ. 

މިނިސްޓްރީން ދިން މި މައުލޫމާތުގައިވާ ގޮތުން ލޯނާއި ސްކޮލަޝިޕްގައި މިވަގުތު ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންގެ ޖުމްލަ އަދަދަކީ 1،819 އެވެ.  އެންމެ ގިނަ ދަރިވަރުން ކިޔަވަނީ މެލޭޝިއާގަ އެވެ. އެއީ 1،102 އެވެ. 

ލޯނާއި ސްކޮލަޝިޕްތަކުގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ އަދަދު

މެލޭޝިއާގައި 1،102، އިނގިރޭސިވިލާތުގައި 90، ބެލަރޫސްގައި 77، ސްޕެއިންގައި 71، އޮސްޓްރޭލިއާގައި 70، ފިލިޕީންސްގައި 64، މިސްރުގައި 32، ނޭޕާލުގައި 28، ސްރީލަންކާގައި 27، އެމެރިކާގައި 23، ރަޝިއާގައި 22، ޔޫއޭއީގައި 21، ޗައިނާގައި 20، އިންޑިއާގައި 18، ނިއުޒިލެންޑުގައި 17، ތައިލޭންޑުގައި 12، ހަންގޭރީގައި 7، ބަންގްލަދޭޝްގައި 5، ޖޯޖިއާގައި 4، ޖަރުމަނުގައި 4، ޕާކިސްތާނުގައި 4، ކެނެޑާގައި 3 އަދި ޗެކް ރިޕަބްލިކުގައި 3 ދަރިވަރުންނެވެ. 

ލޯނާއި ސްކޮލަޝިޕްގައި މިވަގުތު އެންމެ ދަރިވަރަކު ކިޔަވަމުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އޮސްޓްރިއާ، އަޒަރުބައިޖާން، ކޫބާ، ސައިޕްރަސް، ހޮންގް ކޮންގް، ޖަޕާން، އައިލެންޑް، ލިތުއޭނިއާ، ނެދަލެންޑްސް، ސައުދީއަރަބިއްޔާ، ސިންގަޕޫރު، ސައުތު އެފްރިކާ އަދި ތުރުކީ އެވެ.