އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް އިއްޔެ ޔޫކްރޭނަށް ވަޑައިގެން އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވައި، ދިފާއީ އެހީ އިތުރުކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޔޫކްރޭނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައީސް ޒެލެންސްކީއާ އެކު ވަރަށް ގިނައިރު މަޝްވަރާ ކުރެއްވި އެވެ. އެ މަޝްވަރާތަކުގެ ތަފްސީލެއް ދެ ގައުމުން ކުރެ އެއްވެސް ގައުމަކުން ނުދެ އެވެ.
އެހެން ނަމަވެސް، ރަސްމީ މަޝްވަރާތަކަށް ފަހު ދެ ބޭފުޅުން އެކުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑުވަޒީރު ރިޝީ ވިދާޅުވީ އިނގިރޭސި ވިލާތުން ޔޫކްރޭނަށް ފޯރުކޮށްދެމުން އަންނަ އަސްކަރީ އެހީތެރިކަން އެ ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އެ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިނގިރޭސި ވިލާތުގެ ފަރާތުން 60 މިލިއަން ޑޮލަރުގެ އަސްކަރީ އެހީތެރިކަން ޔޫކްރޭނަށް ފޯރުކޮށްދޭނެ ކަމަށް ރިޝީ ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު މިތަނުގައި މިހުރީ، ޔޫކްރޭނާ އެކުގައި އިނގިރޭސި ވިލާތް އަބަދުވެސް ދެމިއޮންނާނެ ވާހަކަ ބުނަން. ޔޫކްރޭން ބޭނުންވާ އަދި ޔޫކްރޭނަށް ހައްގުވާ ސުލްހައާއި ރައްކާތެރިކަން ޔޫކްރޭނަށް ލިބެންދެން އިނގިރޭސި ވިލާތް އެ ގޮތުގައި ދެމިއޮންނާނެ."
ރިޝީ ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތުން ޔޫކްރޭނަށް މިފަހަރު ދޭ އަސްކަރީ އެހީގެ ސާމާނުގެ ތެރޭގައި މަތިންދާ ބޯޓަށް ހަމަލާ ދޭ ޒާތުގެ 120 ބަޑި އާއި ރާޑަރު ނިޒާމުތަކާއި، ޑްރޯންއާ ދެކޮޅަށް ބޭނުންކުރާނެ ޒަމާނީ ވަސީލަތްތައް ހިމެނެ އެވެ.
ރިޝީ، ޔޫކްރޭނަށް ވަޑައިގެންނެވި މިދަނޑިވަޅަކީ، ރަޝިޔާގެ އަސްކަރީ ހަމަލާތައް ޔޫކްރޭންގެ ކަރަންޓު ވިއުގަތަކަށާއި އިންޖީނުގެތަކަށް އަމާޒުކުރަމުންދާ ދުވަސްވަރެކެވެ. ކުރިއަށް އޮތް ފިނިމޫސުމާ ދިމާކޮށް، ރަޝިޔާގެ ހަމަލާތަކުގެ އަމާޒު ޔޫކްރޭންގެ ކަރަންޓު ވިއުގައަށް ބަދަލުކޮށްލުމުން، އާންމު ރައްޔިތުންނަށް ވަނީ ވަރަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވެފަ އެވެ.
އިނގިރޭސި ބޮޑުވަޒީރު ރިޝީ ވިދާޅުވީ މިފަދަ ދަތި ހާލަތެއްގައި ތިބެގެން ޔޫކްރޭންގެ ރައްޔިތުންގެ ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ކުރަމުން ދަނީ ދުނިޔެ ނަމޫނާއަކަށް ބަލައިގަންނަންޖެހޭ ފަދަ މަސައްކަތްތަކެއް ކަމަށެވެ. ފިނިމިން މިހާރު ވެސް ސުން ދަރަޖައަށް ތިރިވެފައިވާ އިރު، ޔޫކްރޭންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގޭހާއި ތެޔޮ ލިބުން ދަތިވެފައިވާތީ، އެތައް ބަޔަކު ތިބީ ފިނިން ސަލާމަތް ވެވޭނެ ގޮތެއް ނެތިފަ އެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ޔޫކްރޭންގެ ބިމުން ބޮޑު ބައެއް ހިފައި ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅި އެވެ. ނަމަވެސް، އިނގިރޭސި ވިލާތާއި އެމެރިކާ އަދި ވިލާތުގެ ގައުމުތަކުގެ އަސްކަރީ ހަތިޔާރުގެ އެހީތެރިކަމާއެކު، ޔޫކްރޭން ސިފައިން ވަރުގަދަ ރައްދު ހަމަލާތަކެއް ދިނުމަށް ފަހު، ބައެއް ބިންތައް މިހާރު ވަނީ މިނިވަންކޮށްފަ އެވެ.