ގއ. ދާންދޫގައި އެއާޕޯޓެއް އަޅައިދޭން އެ ރަށުގެ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.
ތަރައްގީގެ މަޝްރޫއުތަކެއް ފައްޓަވައިދެއްވަން ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ދާންދުއަށް ވަޑައިގެން ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފަ އެވެ. އެ ރަށުގައި ގާތްގަނޑަކަށް 2،000 މީހުން ދިރިއުޅެ އެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް "މިހާރު" އަށް ވިދާޅުވީ އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށުގެ ތަރައްގީއަށް މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސާ ހިއްސާކުރައްވާފައި ކަމަށެވެ.
"ރައީސް ވަޑައިގަންނަވާ ވާހަކަ ވިދާޅުވީމަ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށް ރަށަށް ބޭނުންވަނީ ކޮން ކަންކަމެއްތޯ މަޝްވަރާ ކުރި. އެ ބައްދަލުވުމުގައި ރައްޔިތުން އެދުނީ ރަށުގައި އެއާޕޯޓެއް އަޅައިދޭން،" އޭނާ ވިދާޅުވި އެވެ.
ދާންދޫގައި އެއާޕޯޓެއް އަޅައިދޭން އެދުނުއިރު ގއ. އަތޮޅުގައި މިހާރު ވެސް ދެ އެއާޕޯޓު އޮވެ އެވެ. އެއީ ކޫއްޑޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓެވެ.
އާސިފް ވިދާޅުވީ ދޮރެގަލާ ދާންދޫގެ އިހުތިސާސްގައި ހިމަނަން ރައްޔިތުން ބޭނުންވާކަން ކައުންސިލުން އެކަން ވެސް ރައީސާ ހިއްސާ ކޮށްފައި ވާނެ ކަމަށެވެ
ކައުންސިލުން ހުށަހެޅި ކަންކަން:
- ދާންދޫގައި ކުރިން ހިއްކާފައިވާ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފަށައިދިނުން
- ނަރުދަމާ ގާއިމް ކޮށްދިނުން
- ދާންދޫ ކައިރީގައި އޮތް ވޮޑުމުލާ ރިސޯޓްތަރައްގީކުރުން އަވަސްކޮށްދިނުން
- އަލަށް ހިއްކި ސަރަހައްދުގައި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްގީކުރުން
މީގެ އިތުރުން ވެސް ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތާއި، މަގުހެދުމާއިި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ކައުންސިލުން ވަނީ ރައީސާ ހިއްސާކުރައްވައިފަ އެވެ.
އެ ރަށުގެ އަންހެނުން ކޮމެޓީން އެދިފައި ވަނީ ރަށުގައި އެމްއެންޔޫ ކެމްޕަހެއްގެ މުހިންމުކަމާއި، ޑިޓޮކްސް ސެންޓަރެއް ގާއިމްކުރުމާއި އިންޑޯ ޖިމް އަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތެއް ފަހިކޮށްދިނުމަށެވެ.
ހުވަދު އަތޮޅުގެ ތިން ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އިއްޔެ ވަނީ މާލެވަޑައިގެންފަ އެވެ.