ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އުފަން ދުވަސް އޭނާގެ ހިދުމަތްތައް އާ ކުރަމުން މިރޭ ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

އުއްޗު އާންމުކޮށް ދިރިއުޅުއްވާ ކުރެއްދޫ އައިލެންޑް ރިސޯޓުގައި އޭނާގެ މި ފަހަރުގެ އުފަން ދުވަސް ފާހަގަކުރެއްވީ އިންޑިއާގައި އަރަމުން އަންނަ އުމުރުން އެންމެ 14 އަހަރުގެ ލަވަކިޔުންތެރިޔާ މުހައްމަދު ފާއިޒުގެ ހިތްގައިމު ލަވަތަކާއެކު އެވެ. އުއްޗުގެ ދައުވަތަށް ފާއިޒާއި އޭނާގެ ޓީމު އިއްޔެ ރާއްޖެ އައިސް މިރޭ ދިން ޝޯގައި އުއްޗު އަށް ކަމުދާ ކުރީގެ ބައެއް ލަވަތައް ހުށަހަޅައި ދިނެވެ.

އުއްޗުއަކީ ދިވެހި ލަަތަކުގެ އިތުރުން ހިންދީ ލަވަތަކަށް ވަރަށް ލޯބި ކުރައްވާ އަދި ބައެއް ފަހަރު އަމިއްލަ އަށް ޅެން ވެސް ހައްދަވާ ބޭފުޅެކެވެ. އެހެންވެ، އޭނާގެ މި ކަހަލަ ހަފުލާތަކުގައި ވަރަށް ގިނައިން މިއުޒިކާ ގުޅުން ހުންނަ ކަންކަން ކުރައްވަ އެވެ.

އުއްޗުގެ މި އަހަރުގެ އުފައް ދުވަސް ފާހަގަ ކުރަން ގެނައި ފާއިޒަކީ ސޮނީ ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ސުޕަސްޓަ ސިންގާ" ގެ ދެ ވަނަ ސީޒަން ކާމިޔާބުކުރި ލަވަކިޔުންތެރިޔާ އެވެ.

އުއްޗުގެ އުފަން ދުވަހުގެ ޝޯގައި ފާއިޒް މިރޭ ލަވައެއް ހުށަހަޅައިދެނީ.---ފޮޓޯ: އެލީޒް
އުއްޗުގެ އުފަން ދުވަހުގެ ޝޯގައި ފާއިޒް މިރޭ ލަވައެއް ހުށަހަޅައިދެނީ.---ފޮޓޯ: އެލީޒް

އުއްޗުގެ އުފަން ދުވަހަށް ފާއިޒުގެ އިތުރުން ބަންގްލަދޭޝްގެ މިއުޒިކް ބޭންޑަކާއި ނެށުންތެރިންތަކެއް ވެސް ގެނެސްފައި ވެ އެވެ. އެ ބޭންޑުން ވެސް މިރޭ ޝޯ ހުށަހެޅި އެވެ.

ޗަމްޕާ ބްރަދާސްގެ ކުޑައިގެ ދަށުން ގިނަ ރިސޯޓުތަކެއް ހިންގަވާ އުއްޗުގެ އުފަން ދުވަސް ފާހަގަކުރުމަށްޓަކައި އެ ރިސޯޓުތަކާއި އޭނާގެ ވިޔަފާރީގައި ހިމެނޭ އެހެން ކުންފުނިތަކުން ވަނީ ކޭކު ހަދިޔާކޮށްފަ އެވެ. އުފަން ދުވަހުގެ ހަފުލާގެ ތެރެއިން އެ ކޭކުތައް އަތުރާލީ ދިވެހި ސަގާފީ ހެދުމުގައި ތިބި މުވައްޒަފުންތަކެއްގެ "ކޭކު ޕެރޭޑެއް" ގެ ގޮތުގަ އެވެ.

އުއްޗުގެ މި އަހަރުގެ އުފަން ދުވަހުގެ ކޭކު، ކޮއްކޮ ޗަމްޕާ އަފީފް އަދި އުއްޗުގެ އާއިލާގެ ބައެއް އެހެން ބޭފުޅުންނާއެކު މިރޭ ފަޅުއްވަނީ.---ފޮޓޯ: އެލީޒް
އުއްޗުގެ މި އަހަރުގެ އުފަން ދުވަހުގެ ކޭކު، ކޮއްކޮ ޗަމްޕާ އަފީފް އަދި އުއްޗުގެ އާއިލާގެ ބައެއް އެހެން ބޭފުޅުންނާއެކު މިރޭ ފަޅުއްވަނީ.---ފޮޓޯ: އެލީޒް

އުއްޗުގެ އުފަން ދުވަސް ކޮންމެ ފަހަރަކު ކުލަގަދަކޮށް ފާހަގަކުރާއިރު، މި ފަހަރުގެ ޝޯ ކުރިއަށް ގެންދިޔައިރު ވަނީ އޭނާގެ ހިދުމަތްތަކުގެ ޕްރެޒެންޓޭޝަންތައް ހުށަޙަޅައިފަ އެވެ. ގައުމީ އިނާމާއި ޓޫރިޒަމް ދާއިރާ އަށް ހިދުމަތް ކުރެއްވުމުގެ އެތައް އިނާމެއް ލިބިވަޑައިގެންފައިވާ އުއްޗުގެ ވިޔަފާރީގެ ކާމިޔާބީތައް އެ ޕްރެޒެންޓޭޝަނުގައި ދެއްކި އެވެ. އަދި އުއްޗު އިސް ނަންގަވައިގެން މުޖުތަމައުގެ އެކި ކަންކަމަށް ކުރައްވާފައިވާ ހޭދަތައް ވެސް ފާހަގަކުރި އެވެ. އެއާއެކު، ޓޫރިޒަމް ދާއިރާގެ އެއް ބާނީ އަދި އުއްޗުގެ ކޮއްކޮ ޗަމްޕާ ހުސައިން އަފީފާއި އުއްޗުއާ ދެބެއިންގެ އާއިލީ ގުޅުމާއި ވިޔަފާރި ހިންގެވުމުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ދެއްވާ އެހީތެރިކަމުގެ ތައްޔާރު ކޮށްފައިވާ ޕްރެޒެންޓޭޝަނެއް ވެސް ދެއްކި އެވެ.

އުއްޗުގެ އުފަން ދުވަހުގެ ހަފުލާގެ ތެރެއިން، އުއްޗު އާއި އޭނާގެ ކޮއްކޮ ޗަމްޕާ އަފީފު މިރޭ ބައްދާލައްވަނީ.---ފޮޓޯ: އެލީޒް
އުއްޗުގެ އުފަން ދުވަހުގެ ހަފުލާގެ ތެރެއިން، އުއްޗު އާއި އޭނާގެ ކޮއްކޮ ޗަމްޕާ އަފީފު މިރޭ ބައްދާލައްވަނީ.---ފޮޓޯ: އެލީޒް

އުމުރުން ވަރަށް ކުޑައިރު މާލޭގެ ބާޒާރުމަތީގައި ހިންގެވި ފިހާރައާއެކު މީގެ 50 އަހަރު ކުރިން ވިޔަފާރީގެ ތެރެއަށް ވެންނެވި އުއްޗުގެ މި އަހަރުގެ އުފަން ދުވަހުގެ ހަފުލާގައި ޗަމްޕާ އަފީފާއި އެ އާއިލާގެ އެހެން ބޭފުޅުން އަދި އުއްޗުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ. އުއްޗުގެ އުފަން ދުވަހުގެ ކޭކު ފެޅުމުގައި ވެސް ޗަމްޕާ އަފީފު ބައިވެރިވެވަޑައިގަތެވެ.

މިރޭގެ ހަފުލާގައި އުއްޗުގެ ވިޔަފާރީގެ ކާމިޔާބީތަކުގެ މައްޗަށް މެލޭޝިއާގެ ކެލަންޓަން ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މުހައްމަދު ރަފީ ޔަގޫބު ތައްޔާރު ކުރެއްވި ފޮތެއް ވެސް އުއްޗު އަށް އެރުވި އެވެ. އުއްޗުގެ އުފަން ދުވަހުގެ ހަފުލާގައި މުހައްމަދު ރަފީ ޔަގޫބު ވެސް ބައިވެރިވެވަޑައިގަތެވެ.

އުއްޗުގެ ފަރާތުން މުވައްޒަފުންނަށް ދިން ހަނދާނީ ލިޔުމާއެކު ބައެއް ސީނިއާ މުވައްޒަފުން އަދި އުއްޗުގެ ދަރިކަނބަލުން ސާރާ ފޮޓޯއަކަށް ތައްޔާރު ވެގެން.---ފޮޓޯ: އެލީޒް
އުއްޗުގެ ފަރާތުން މުވައްޒަފުންނަށް ދިން ހަނދާނީ ލިޔުމާއެކު ބައެއް ސީނިއާ މުވައްޒަފުން އަދި އުއްޗުގެ ދަރިކަނބަލުން ސާރާ ފޮޓޯއަކަށް ތައްޔާރު ވެގެން.---ފޮޓޯ: އެލީޒް

އުއްޗުގެ ފަރާތުން މުވައްޒަފުންނަށް ހަނދާނީ ލިޔުމެއް އަދި މުވައްޒަފުންގެ ފަރާތުން ވެސް އޭނާ އަށް މިރޭ ހަދިޔާ ދިނުން އޮތެވެ.

އުއްޗުގެ އުފަން ދުވަސް ފާހަގަ ކުރުމަށް މިރޭ އޮތް ހަފުލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވެސް ވަޑައިގަތެވެ.

އުއްޗުއަކީ އޭނާގެ އެއްބަނޑުއެއްބަފާ ފަސް ބޭފުޅުންގެ ތެރެއިން ހަތަރުވަނަ އަށް އެންމެ ދޮށީ ބޭފުޅާ އެވެ.