އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުންނަށް ސަރުކާރުން ބިރު ދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ ކަމުގެ ތުހުމަތުކޮށްފި އެވެ.
މުވައްޒަފުންނަށް ބިރު ދެއްކުން ހުއްޓާލަން ގޮވާލައި ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންގެ ބުރަ މަސައްކަތުން 2018 ގައި ނުކުމެ ވެރިކަން ބަދަލުކުރަން ވޯޓުލީ އެތައް ކަމެއް އަލުން އިޔާދަވަމުންދާކަމުގެ ކަންބޮޑުވުން މެމްބަރުން ފާޅުކުރަމުން އަންނަ ކަމަށެވެ.
އެގޮތަށް ކުރަމުންދާ ކަންކަމުގެ ތެރޭގައި ދައުލަތުގެ އެކި ވަޒީފާތަކުގައި ތިބި ނަޝީދަށް ތާއީދުކުރާ މުވައްޒަފުން އެމީހުން ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށްރަށުގެ ވަޒީފާތަކަށް ބަދަލުކުރަމުންގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށައި އޭގެ ބޭނުމަކީ އެމީހުން ވޯޓުލުމުން މަހްރޫމްކޮށް ނަޝީދުގެ ކެމްޕެއިނުގައި ރަށުގައި ހަރަކާތްތެރިވުން ދުރުކުރުވުން ކަމަށް ބަޔާނުގައި ބުންޏެެވެ.
"ވާދަވެރި ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާޢީދުނުކުރާ މުވައްޒަފުންނަށް ސަރުކާރުން އެކި ގޮތްގޮތުން ބިރުދައްކަމުންދާ ކަމުގެ ޝަކުވާތައް ވެސް ދަނީ ލިބެމުންނެވެ. އެގޮތުން، ވާދަވެރި ކެންޑިޑޭޓަށް ތާއީދުނުކުރާ މުވައްޒަފުންނަށް ވަޒީފާތަކުގައި ނުތިބެވޭނޭކަމަށް ބުނެ ބައެއް މިނިސްޓަރުން މިނިސްޓްރީތަކުގެ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުދެމުންދާ ކަމުގެ ޝަކުވާތައްވެސް ލިބެމުންދެ އެވެ،"
އެ ބަޔާނުގައި ބުނީ ރައީސްގެ ކެމްޕެއިން ޖަލްސާތަކުގައި ބައިވެރިވުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ކުންފުނިތަކުގެ އިސްވެރިން އަންގަމުންދާ ކަމަށާއި ހަރަކާތްތަކުގައި ބައިވެރިނުވާ ނަމަ، އެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެމުންދާ ކަމަށެވެ.
ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ރައީސްގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ސަރުކާރުގެ އޮފީސްތައް ބޭނުންކޮށް ސަރުކާރުގެ އިދާރާތަކުގެ އިސް ބައެއް ވެރިން މަގާމުގެ ނާޖާއިޒް ބޭނުންހިފަމުންދާ ކަމުގެ ޝަކުވާތައް ވެސް ލިބޭ ކަމަށް ބުނެފަ އެވެ.
އެ ޓީމުން ބުނީ މިހާރު ސަރުކާރުން ފެންނަމުންދާ މި އަމަލުތަކަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށިގެން އައި ކަންކަން ކަމަށެވެ. އެކަމަކު 2008 ގައި އެމްޑީޕީގެ ވެރިކަން އައުމަށް ފަހު އެކަން ނައްތާލިޔަސް ޔާމީންގެ ވެރިކަމުގައި އަލުން ވުޖޫދުވި އެކަން މި ސަރުކާރުން ވެސް ދަމަހައްޓަމުންދިއުމަކީ ކަންބޮޑުވާކަމެއް ކަމަށް ބުންޏެވެ.