އަމީނީ މަގު ހެދުމާ ގުޅޭ ތަފްސީލީ މައުލޫމާތު ދިނުން ހުއްޓުވައި ދިނުމަށް، އެ މައްސަލަ އިސްތިއުނާފުކުރަން ޕްލޭނިން މިނިސްޓްރީން ނިންމައިފި އެވެ.
އެ ގޮތަށް ސަރުކާރުން ނިންމީ، ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތުކުރާ މީހަކު އެ މައުލޫމާތުތައް ހޯދަން އެދުމުންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އަހުމަދު އަފްރާހު މިދިޔަ އޮގަސްޓު މަހު ޕްލޭނިން މިނިސްޓްރީ އަށް ހުށަހެޅީ އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ތަފުސީލީ ޑިޒައިންތަކާއި ކުރެހުންތަކާއި އެ މަގު އަލުން ހެދުމުގެ ތެރޭގައި އެއްވެސް ގަހެއް ނަގައި ނުވަތަ ކަނޑާ ނަމަ އެކަން ކުރުމަށް ރާވާފައިވާ ގޮތާއި އެ މަގުގެ މަސައްކަތްތަކާ ގުޅޭ އެއްވެސް ސާވޭއެއް ހަދާފައިވާ ނަމަ އޭގެ މައުލޫމާތު ހޯދުމަށެވެ.
މަގު ހަދަން އާރުޑީސީއާއެކު ހަދާފައިވާ އެއްބަސްވުމުގެ ކޮޕީ އާއި އެ މަޝްރޫއު އެ ކުންފުންޏަށް ހަވާލުކުރި ސަބަބު ހޯދަން ވެސް އޭނާ އެދުނެވެ.
އެ ސުވާލުތަކުގެ ތެރެއިން ނުލިބި ވަނީ މަގު ހެދުމުގެ ތަފްސީލީ ޑިޒައިންގެ ކުރެހުންތަކާއި އެއްބަސްވުމުގެ ކޮޕީ އެވެ.
އެހެން މައުލޫމާތުތައް ނުދިން މައްސަލަ ބެލުމަށް ފަހު، އިންފޮމޭޝަން ކޮމިޝަނުން މިދިޔަ އަހަރުގެ ނޮވެމްބަރު 23 ގައި ނިންމީ މަގު ހެދުމުގެ ޑިޒައިނަކީ ތިން ވަނަ ފަރާތަކަށް ހިއްސާ ކުރެވޭނެ މައުލޫމާތެއް ކަމަށެވެ. އަދި އާރުޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ކޮޕީ ވެސް ފަސް ދުވަހުގެ ތެރޭގައި އަފްރާހަށް ދޫކުރަން ކޮމިޝަނަރު އެންގެވި އެވެ.
ނަމަވެސް ޕްލޭނިން މިނިސްޓްރީން ވަނީ އެ ތަފުސީލްތައް ނުދީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފަ އެވެ.
އަމީނީ މަގު ހެދުމާ ގުޅޭ ތަފުސީލްތައް ހިއްސާނުކުރަން ނިންމިއިރު، އެ މަގުގެ މަސައްކަތް ކުރިއަށް ގެންދާ ސްޕީޑް ލަސްވުމުގެ ފާޑުކިޔުންތައް ވަރަށް ބޮޑެވެ. އެހެންވެ، ތާރު ނާޅައި އެ މަގުގެ ވަކި ހިސާބެއް ހުޅުވާލާފައިވެ އެވެ.
އެ ކުންފުނިން މިހާރު ހަދަމުން އަންނަނީ އަމީނީ މަގުގެ ސެގްމެންޓު ތިނެއްގެ ފެނާއި ނަރުދަމާ އަޕްގްރޭޑް ކުރުމަށްފަހު ސްޓޯމް ވޯޓާ ނެޓްވޯޚް އެޅުމާއި ކާބް ސްޓޯން ޖެހުމުގެ މަސައްކަތެވެ.
ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިނެއްގަ އެވެ. މިދިޔަ އޮގަސްޓް މަހު 30 ގައި އަމަލީ މަސައްކަތް ފެށި އެ މަގުގައި ތާރު އަޅައި ނިންމަން ދިނީ 10 މަސް ދުވަހުގެ މުއްދަތެކެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ އެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅައި، ފެން ހިންދާ ނިޒާމެއް ވެސް ހަދާނެ އެވެ.