މިދިޔަ މަހު މީރާއަށް ޑޮލަރުން ލިބުނު ޓެކްސް އާމްދަނީ 66 ޕަސެންޓް އިތުރުވެ 113 މިލިއަނަށް އަރައިފި އެވެ.
ޓެކްސް އިދާރާ، މީރާއިން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައި ބަލާއިރު 66 ޕަސެންޓުގެ އިތުރުވުމެކެވެ. މީރާއަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޑޮލަރުން ލިބުނު އާމްދަނީ އަކީ 75 މިލިއަނެވެ.
މިދިޔަ މަހުގެ ޑޮލަރުގެ ގާތްގަނޑަކަށް 70 ޕަސެންޓު ލިބުނީ ޓީޖީއެސްޓީގެ ގޮތުގަ އެވެ. ޓީޖީއެސްޓީގެ ގޮތުގައި މީރާއަށް 80 މިލިއަން ޑޮލަރު ލިބުނެވެ. މިއީ މިދިޔަ އަހަރުގެ ޑޮލަރުން ލިބުނު ޓީޖީއެސްޓީގެ އާމްދަނީ އަށް ވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ 49 މިލިއަން ޑޮލަރެވެ.
އޭގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި ހަތް މިލިއަން ޑޮލަރު، އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ލިބުނެވެ. މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ޑޮލަރުން ލިބުނު އިންކަމް ޓެކްސް ވަނީ 85 ޕަސެންޓް އިތުރުވެފަ އެވެ. އަދި ޑިޕާޗާ ޓެކްސް ވަނީ ގާތްގަނޑަކަށް 60 ޕަސެންޓު އިތުރުވެފަ އެވެ.
ދައުލަތަށް ޑޮލަރުގެ ލިބޭ އާމްދަނީ އިތުރުވި އިރު ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގަށް އަދިވެސް މާބޮޑު ބަދަލެއް ނާދެ އެވެ. ދައުލަތަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް އެސްއޯއީތަކަށާއި ދަރަނި އަދާކުރަން ހޭދަކުރެ އެވެ.
ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އިންތިހާ އަށް އުފުލުނީ ކޮވިޑްގެ ދުވަސްވަރު އެވެ. އޭރު އަގު 15.85ރ. އިން 20ރ. އަށް އެރި އެވެ. އޭގެ ފަހުން ޑޮލަރުގެ އަގު ވޭތުވެދިޔަ ދެ އަހަރު ވެސް ކަޅު ބާޒާރުގައި އެވްރެޖުކޮށް ހުރީ ޑޮލަރެއް، 17.35-17.40ރ. ދެމެދު އެވެ.