މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ އަތްތެރި މަސައްކަތް ދަސްކޮށްދޭ ކޯހެއް ފ. އަތޮޅުގައި ހިންގައިފި އެވެ.

އެ ރަށު ޑޭލައިޓް ކުލަބާ ގުޅިގެން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ހިންގި އަތްތެރި މަސައްކަތުގެ އެ ކޯހުގައި 58 ކުދިން ބައިވެރިވި އެވެ. އޭގެ ތެރެއިން 51 ދަރިވަރަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.

އެ ކޯހުގައި ކިޔަވައިދެއްވާ، ފ. ބިލެއްދޫ އަހުމަދު ޝިޔާމް ވިދާޅުވީ އަތްތެރި މަސައްކަތް ދަސްކޮށްދޭ އެ ކޯހަކީ ނޭޝަނަލް ސެޓްފިކެޓް، އެމްކިޔުއޭ ގަބޫލުކުރާ ފެންވަރުގެ ކޯހެއް ކަމަށެވެ.

ހަ މަސް ދުވަހަށް ހިންގި އެ ކޯހުގެ މޮޑިއުލް ތައްޔާރުކޮށްފައި ވަނީ ވެސް ޝިޔާމެވެ.

އެ ކޯސް ހުޅުވާލީ ފ. އަތޮޅުގެ ހުރިހާ ރަށަކަށް ނަމަވެސް ބައިވެރިވީ ކޯސް ކުރިއަށް ގެންދިޔަ ނިލަންދު އާއި ބިލެއްދޫ މީހުންނެވެ. އެ ކޯހުގައި ބައިވެރިވީ އުމުރުން 16 އަހަރާއި 50 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންނެވެ.

"މި ކޯހުގައި ދަސްކޮށްދީފައި ވާނެ ނާށިން އެއްޗެހި ހަދަން، ހުޅުނބުން، ބޮލި، އަދި ފުޅަފި ބޭނުންކޮށްގެން ތަފާތު އެއްޗެހި ހަދަން. ގަހަނާ އެއްޗެހި ހަދަން ވެސް. ދެން އޮންނާނީ ކުރެހުން، އެކަރިލިކް ޕެއިންޓިން ބޭނުން ކޮށްގެން، ކާށި، ލަކުޑި ކެންވާސްގައި. މަސް ކައްޓާއި ހުޅުނބު ބޭނުންކޮށްގެން ވެސް ތަފާތު ތަކެތި ހަދާނެ،" ޝިޔާމް ވިދާޅުވި އެވެ.

ނިލަންދޫގައި ހިންގި ކޯހުގައި ހަދާފައިވާ ބައެއް އެއްޗެހި
ނިލަންދޫގައި ހިންގި ކޯހުގައި ހަދާފައިވާ ބައެއް އެއްޗެހި

މިފަދަ ކޯސްތައް ހިންގުމުގެ އެންމެ މުހިންމު ބޭނުމަކީ ޓޫރިޒަމް ދާއިރާ އަށް ރާއްޖޭގައި އުފައްދާ "ސްވެނިއާ" އިތުރުކުރުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މި ދާއިރާއަކީ ޒުވާނުން ނިކުތުމަށް ރަނގަޅު މާކެޓެއް އޮތް ދާއިރާއަކަށް ވާތީ މިކަހަލަ ކޯހެއްގައި ބައިވެރިވުމަކީ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ޓޫރިޒަމް ދާއިރާގައި ވަރަށް ރަނގަޅު މާކެޓެއް އޮތް ކަމެއް މިއީ. ވަރަށް ރަނގަޅު ފުރުސަތަކަށް ވެސް ވާނެ މިކަން، ޓޫރިސްޓުންނަށް އަމާޒުކޮށްގެން ތަކެތި އުފައްދައި ބާޒާރަށް ނެރުމަށް،" އޭނާ ވިދާޅުވި އެވެ.

ޝިޔާމް އަކީ އަތްތެރި މަސައްކަތުގެ ތަޖުރިބާކާރެކެވެ. އޭނާ އަކީ، އެ މަސައްކަތަށް އެ ސަރަހައްދުގައި ވަރަށް މަޝްހޫރު ބޭފުޅެކެވެ.