މޫސުން ވަރަށް ރީއްޗެވެ. އަވި ގަދަ އެވެ. ފ. ދަރަނބޫދޫ އިން ފުރައިގެން ކުޑަ ލޯންޗެއްގައި ގާތްގަނޑަކަށް ބައި ގަޑިއެއްހާ އިރުގެ ތެރޭގައި ފ. ހިމިތީގެ ދޮން ފަސްގަނޑަށް ބީއްސާލެވިއްޖެ އެވެ. މޫދާ ގުޅިފައިވާ ރީތި ބޮޑު ފަސްގަނޑުގައި، ތިން ހަތަރު ޓޫރިސްޓު އަންހެނަކު އޮތެވެ.
ވަރަށް މިނިވަން ކަމާ އެކު، ޓޮޕްލެކްސްކޮށް ބަންޑުން އޮށޯވެ އޮތް އިރު އެ ޓޫރިސްޓުންނާ ހަވާލުވެގެން ދިވެހި ފިރިހެނަކު އުޅެ އެވެ.
"މިއީ މި ރަށުގެ މިހާރުގެ އާންމު އާދަ. މިއީ މިހާރު އެއްވެސް ބައެއްގެ ރަށެއް ނޫން. އެތިބީ ހީވަނީ ފެންފުށީގައި ގެސްޓް ހައުސްގައި ތިބޭ ޓޫރިސްޓުން،" އަހަރެމެންނާ އެކު، ހިމިތި އަށް އައި ދަރަނބޫދޫ ޒުވާނާ، މުހަންމަދު ހުސެއިން (މޯޑު) ބުންޏެވެ.
"އެކި ރަށްރަށުން މީހުން ހަމަ އަންނަންވީ. ކުރާނެ ކަމެއް ކުރަންވީ. ހުއްދައެއް ހޯދާކަށް ނުޖެހޭ. ކުރާނެ ކަމެއް ކުރަންވީ. އޭގެ ނަތީޖާ މިއޮއް ފެންނަނީ."
އޭނާ އިނގިލި ކުރި އިޝާރާތްކޮށްލީ ކުޑަ ތަންކޮޅެއް ދުރުގައި ހުރި ދިގު ރުކަކަށެވެ. އެ ރުކުގެ ކުރިގަނޑެއް ނެތެވެ. ލޯ ތިރިއަށް އަމާޒުކޮށް، ވަށައިގެން ބަލާލި އިރު އިސްކޮޅާ ހަމައިން ވަރަށް ގިނަ ރުއް ހުރީ ކަނޑައިފަ އެވެ.
"މި ވަރުވީމަ ދެރަ. އެކަމަކު މިއީ އަހަރެމެން މި އަހަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ރަށޭ. މިއޮތީ އޮތް ހާލު،" އޭނާ ބުންޏެވެ.
ފ. އަތޮޅަކީ އެންމެ ރީތި ވިލުތަކާއި ފަޅުތައް އޮތް އެއް އަތޮޅެވެ. މި އަތޮޅުގައި އޮތް ކަހަލަ ޗާލު ވިލުތައް އެހެން އަތޮޅަކުން ފެނުމަކީ ވަރަށް ދުރު ކަމެކެވެ. ފަޅު ރަށްރަށުގެ އިތުރުން މި އަތޮޅުގެ މީހުން އުޅޭ ރަށްރަށުގެ ވަށައިގެން ވެސް ރީތި ގޮނޑުދޮށްތަކާއި މޫދު އޮވެ އެވެ.
ފ. އަތޮޅުގެ ރީތިކަމަށް ދެވިހިފާފައި ތިބި އެއް ބަޔަކީ ދުނިޔޭގެ މުއްސަނދި އާއިލާ، ސައުދީގެ ޝާހީ އާއިލާ އެވެ. އޭގެ ތެރެއިން ވެސް، މިހާރު އެ ގައުމުގެ ބާރުގަދަ ބޮޑުވަޒީރު އަދި ވަލީއަހުދު މުހަންމަދު ބިން ސަލްމާން ވަރަށް ތުއްޕުޅުއިރުއްސުރެ ވަރަށް ގިނަގިނައިން ފ. އަތޮޅަށް ވަޑައިގެން ޗުއްޓީ ހޭދަކުރައްވަ އެވެ.
ހިމިތި އަކީ، އޭނާގެ ލޯ ހަމައެކަނި އަމާޒުވި ރަށެވެ. އެ ރަށް ބައްލަވައިގަންނަވަން ނިންމަވައި، އެ ރީތި ރަށުގައި ރިސޯޓެއް އަޅުއްވަން 2012ގައި ނިންމެވި އެވެ. އެހެންވެ، 2012 ގައި ސަރުކާރާއި ޝާހީ އާއިލާ ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދައި، ކައިރީގައި އޮތް އެހެން ދެ ފަޅަކާ އެކު ފަސް ބިލިއަން ޑޮލަރު (77 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ނިންމެވި އެވެ. ޝާހީ އާއިލާގެ އަމިއްލަ ޕްރޮޕަޓީއެއްގެ ގޮތުގައި، ޝާހީ އާއިލާ އެކަނި ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ ގޮތުގައި އެތަން ހަދަން ނިންމީ ދުނިޔޭގައި ވެސް ނެތް ފެންވަރުގެ ތަނެއްގެ ގޮތުގަ އެވެ. އެކަމަށް ބޭނުންވާ ގާނޫނީ ހުރިހާ ކަމެއް ވެސް ފުރިހަމަކޮށް ނިންމި އެވެ.
އެކަމަކު އޭގެ ފަހުން 10 އަހަރުވީ އެވެ. އެ މަޝްރޫއު އޮތީ ހުއްޓިފަ އެވެ. ވީ ކިހިނެއްކަމެއް ވެސް ނޭނގެ އެވެ. އެހެންވެ، އެ ރަށް ވެސް އޮތީ ވާނުވާއެއް ނޭނގޭ ހިސާބުގަ އެވެ. އާންމުން އަރާށާއި ޕިކްނިކް ހަދަން ވެސް ދޫކޮށްލައިފަ އެވެ. އެ ރަށް ބަލަހައްޓާނެ ބަޔަކު ނެތުމުން، ރަށް އޮތީ ގޮނޑަކަށް ބަދަލުވެފަ އެވެ.
ހިމިތި އަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގައި ދިރިއުޅުނު މީހުން އެކި ރަށްރަށަށް ހިޖުރަކޮށް ހިމިތީގައި އެންމެ ފަހުން ތިބި 23 މީހުން އެ ރަށުން ފައިބައި އެ ރަށް ފަޅުވީ 14 މެއި 1970 ގަ އެވެ. އެ ރަށުގެ ގިނަ މީހުން ހިޖުރަކޮށްފައިވަނީ މާފުއްޓާއި ނިލަންދު އާއި މަގޫދު އަށެވެ. ނަވާރަ ސަތޭކަ ހަތްދިހައިގެ ތެރޭގައި މި ރަށަކީ މި އަތޮޅުގެ ވެރިކަން ވެސް ކުރި ރަށެވެ. އޭގެ ފަހުން، ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެ ވަޑައިގެން ހުކުރު ހަމަނުވާ ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލު ކުރުމުގެ ޕްރޮގްރާމްގެ ތެރޭގައި ހިމިތި ވެސް ހިމެނުނެވެ. މި ރަށުގެ އަސްލު ވަޒަންވެރިން މި އަތޮޅުގެ އެކި ރަށްރަށުގައި މިހާރު ވެސް އެބައުޅެ އެވެ.
"މިހާރު ވެސް މި ރަށުގައި މީހުން ދިރިއުޅުނު ތަންތަނާއި ވަޅުތަކާއި މަހާނަތައް ވެސް ފެންނަން ހުންނާނެ،" ހިމިތި އާ ބެހޭ ވަރަށް ގިނަ މައުލޫމާތު އެއްކޮށްފައިވާ މޯޑު ބުންޏެވެ.
އެކަމަކު، ކުޑަކުޑަ މި ރަށުގައި އެ ތަންތަން ބަލަން ދިއުމަށް ވުރެ ރަނގަޅީ ނުދިޔައިއްޔާ އެވެ. ކުންޏާއި ދޮނޑިކޮޅުތަކާއި ގާތަކާ ހެދި ހުސް ފައިގައި ހިނގޭވަރެއް ނޫނެވެ. ބޯކެޔޮ ގަސްތަކުން ގަޔަށް ހެރޭ ކައްޓާ ހެދި ތަނަކަށް ވަދެވޭ ވަރެއް ނޫނެވެ. ރަށް އޮތީ ވަލެއް ހެންނެވެ. މުޅި ރަށުގައި އޮތީ މަދިރި އެވެ. ސާފުކޮށްފައި އޮތް ރުކެއް ނުފެނެ އެވެ.
"މިހެން މި ރަށް އޮންނަތާ ކިތަންމެ ދުވަހެއް. ކުރިން މި ރަށް އިއްލަބެ [އިލްޔާސް އިބްރާހިމް/ އާއިލީ ރަށެއް] ބެލެހެއްޓެވި އިރު ވަރަށް ރީތިކޮށް އޮތް ރަށެއް މިއީ. މަގުތައް ވެސް އޮންނާނީ ވަރަށް ރީތިކޮށް ސާފުކޮށް،" މޯޑު ބުންޏެވެ.
މި ރަށުން މީހުން ބޭލުމަށް ފަހު، ދެން އައި ހުސްކަމަށް ފަހު، ރައީސް މައުމޫން ދައުރުގެ ވަރަށް ފަހުކޮޅު، މީގެ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ކުރިން މި ރަށް ބެލެހެއްޓެވީ އިލްޔާސް އެވެ. އޭނާ ވަނީ މި ރަށުގެ މަގުތައް ވަރަށް ރީތިކޮށް ހަދައި، އާއިލީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރަން ފައްޓަވައިފަ އެވެ. އޭރު ވަރަށް ގިނަ ތަންތަން މި ރަށުގައި އިމާރާތް ވެސް ކުރެއްވި އެވެ. މި ރަށަށް އަރާ ބައެއް މީހުން އޭގެ ތެރެއިން އެއް ގެ ސިފަ ކުރަނީ "ނަސްރީނާ ގަނޑުވަރު"ގެ ގޮތުގަ އެވެ. އެ ގޭގައި ބިލިގާ އާއި އޭސީ ވެސް ހަރުކޮށްފައި ހުރިކަން އެނގެ އެވެ. އެކަމަކު، މިހާރު އެ ގޭގެ ވެސް ހުރީ ހަމައެކަނި ފާރުތައް އެކަންޏެވެ.
މި ރަށަކީ ތާރީހީ ރަށެކެވެ. ތާރީހީ ވަރަށް ގިނަ ބިނާތަކެއް މި ރަށުގައި އެބަހުއްޓެވެ. މި ރަށަކީ، މި އަތޮޅުގެ ތާރީހު ބުނާ ގޮތުން ރާއްޖޭގެ އެންމެ ކުޅަދާނަ މާލިމީ އުފަންވެ ވަޑައިގަތް ރަށެވެ. އޭރު އޭނާ ކައިރި އަށް މާލިމީކަން ދަސްކުރަން އެކި ރަށްރަށުގެ މީހުން އައިސް އުޅެ އެވެ. މާލިމީކަން ދަސްކޮށްދޭ، ރާއްޖޭގެ ހަމައެކަނި ސްކޫލު ހިންގީ ވެސް މި ރަށުގަ އެވެ. އެކަމަކު، ގާފޮޅު ރާނާފައިވާ އޭނާގެ މަހާނަ ވެސް އޮތީ ކޮނެގެން ނަގައިފަ އެވެ.
ގުދުރަތީ ރީތިކަމުން ފުރިފައި އޮތް މި ރަށް ވެސް މިހާރު ދަނީ ގިރަމުންނެވެ. އެކަން ހައްލު ކުރަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ.
"މީގެ މަދު އަހަރުތަކެއް ކުރިން މި ރަށް ބަލަހައްޓަން ބޭރުގެ ދެ މީހަކު ވަރު މި ރަށުގައި ތިބޭ. އެކަމަކު މިހާރު އެ މީހުން ނުތިބޭތާ ވެސް ލައްކަ ދުވަސްވެއްޖެ،" މޯޑު ބުންޏެވެ.
އެއްވެސް ބަޔަކު އަޅާނުލާތީ މި ރަށަށް މިހާރު މި ސަރަހައްދުގެ އެކި ރަށްރަށުގެ މީހުން އަރައި ރުއް ގަސް ވެސް ދަނީ ކަނޑަމުންނެވެ. ބައެއް މީހުން ރުއްރުކުރުގެ ކުރިގަނޑު ކަނޑާލައިގެން ގޮސް އެ ވިއްކައި ވެސް ހަދަ އެވެ. ބައެއް މީހުން، އިމާރާތްތަކުގެ ޓިނުތައް ވެސް ވަގަށް ގެންގޮސްފައި ހުރިކަން އެނގެ އެވެ. މިހާރު ދެން މި ރަށް މިއޮތީ، ގަސް ރުއް ނޫން އެއްޗެއް ވަގަށް ގެންދެވެން ނެތް ހާލަތެއްގަ އެވެ. ދެން ވަގަށް ގެންދަން އޮތީ ހަމަ އެކަނި މި ރަށުގެ ރީތި ކަމެވެ.
"އެ ރީތިކަން މިހާރު މި ވަގަށް ނެގެނީ. މިހިރަ ރީތި ރުއްތައް މިއީ ދެން އަލުން އިއާދަކުރެވޭނެ އެއްޗިއްސެއް ނޫން،" މޯޑު ބުންޏެވެ.
ވަރަށް ބޮޑު ތެދެކެވެ؛ އެތައް ޒަމާނެއް ވެފައި ހުރި ގަސް ރުއް ކަނޑައި، މުޅި ރަށް ވީރާނާ ކޮށްލަމުން ދާއިރު ވެސް މި ރަށާ އަޅާލާނެ ބަޔަކު ނެތެވެ. މިއީ އެއްވެސް ބައެއްގެ ޒިންމާގައި އޮތް ރަށެއް ނޫނެވެ.
އެކަމަކު، މިއީ ފަސް ބިލިއަން ޑޮލަރުގެ އަގު ހުރި ރަށެކެވެ.