ރިސޯޓު ތަރައްގީ ކުރުމަށް ރަށްތައް ދޫކުރަން ފަށަނީ

ޓޫރިސްޓު ރިސޯޓުތައް ހަދަން ބޭނުންވާ ރަށްތައް ދޫކުރަން އަންނަ މަސް ނުވަތަ ޖުލައި މަހު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.


އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރިސޯޓުތައް ހަދަން ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓު ސަރުކާރުގެ ގެޒެޓުން ނަގާފައިވާ ކަމަށާއި އެގޮތަށް ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. ސަބަބަކީ ރިސޯޓުތައް ހެދުމަށް ރަށްރަށް ދޫކުރުމުގެ ކަންކަން މިހާތަނަށް ކުރަމުން ގެންދިޔައީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް ވާތީ ކަމަށް އަލީ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެއްވެސް ސަސްޓެއިނަބްލް ޕްލޭނަކާ އެއްގޮތަކަށް ނޫން ކަންތައް ކުރަމުން ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި، ރިސޯޓުތައް ހެދުމަށް ރަށްރަށް ކުއްޔަށް ދޫކުރުމާ ގުޅޭ ކަންކަން މިނިސްޓްރީން މިހާރު ވަނީ ބަލައި ދިރާސާކޮށްފަ އެވެ. އަދި އެ ރަށްތައް ދެން އިއުލާން ކުރާނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން، ބީލަމަށް ލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ

"އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީގެ ރިސާޗު މަސައްކަތް ނިމިފައި މި ވަނީ. ދެން އަޅުގަނޑުމެން ޕްލޭނިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި ކަމާބެހޭ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރުމަށް ފަހު [ހުޅުވާލާނަން]،" އަލީ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި، ޓޫރިޒަމް އެނދުތައް ވަރަށް ގިނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ މައްސަލަ ވެސް އިކޮނޮމިކް ކައުންސިލުން ބަލާނެ ކަމަށެވެ. އެއީ، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން ޓޫރިޒަމް ތަރައްގީ ކުރަން މި ސަރުކާރުން މަސައްކަތް ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލާލި ބަލާލުމަށް ފަހު، މާލެ ޒޯން މިވަނީ ފްލަޑް ވެފައި. ކަރަންޓް ޑިވެލޮޕްމެންޓްސް އަތުވެއްޖެ ނަމަ 10،000 ވަރަކަށް ބެޑަށް ވުރެ އިތުރަށް ފްލަޑް ވެގެން އެބަދޭ، އަޅުގަނޑުމެންގެ އެކްސްޕެކްޓެޑް ޓާގެޓްތަކަށް ވުރެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އާ ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅެކެވެ. އޭގެ ތެރޭގައި ބޮޑު ތިލަދުންމައްޗާއި އައްޑު އާއި ފުވައްމުލަކާއި ހުވަދޫގެ އިތުރުން ލ. އަދި ތ. އަތޮޅުގެ ރަށްތަކަށް އިސްކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ސަރަހައްދުތަކަކީ މިދިޔަ ހުރިހާ ސަރުކާރަކުން ވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ތަންތަން،" އަލީ ވިދާޅުވި އެވެ.

ރިސޯޓުތައް ތަރައްގީ ކުރަން ރަށްތައް އަލުން ހުޅުވަން ނިންމި އިރު، މިހާރު ވެސް 132 ރަށެއް ރިޒޯޓުގެ ގޮތުގައި ތަރައްގީކުރަމުން އެބަގެންދެ އެވެ.