ޗައިނާގެ ކުންފުންޏަކަށް ދީފައިވާ ކ. ފޭދޫފިނޮޅު ހުސް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ބޭނުންތަކަށް ދީފައި އޮތް ފޭދޫފިނޮޅު، ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) އަށް ޗައިނާގެ ކުންފުންޏަކަށް 50 އަހަރަށް ވަނީ ކުއްޔަށް ދީފަ އެވެ. އެކަމަކު، އެ ކުންފުނީގެ ނަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
އެ ރަށް ބަލަހައްޓަމުން ދިޔަ ފުލުހުންގެ ވެލްފެއާ ކުންފުނީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، އެސިސްޓެންޓް ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ފޭދޫފިނޮޅު ވިއްކާލަން ޓޫރިޒަމުން އިއުލާން ކުރުމާ އެކު، އެ ރަށް ވަނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުވެފަ އެވެ. އަދި ފޭދޫފިނޮޅު ބަޔަކަށް ކުއްޔަށް ދީފައިވާކަން ޓޫރިޒަމުން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ފުލުހުންނަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން މިހާރު އަންނަނީ، އަބްދުލް މަންނާނު ވިދާޅުވި ގޮތުގައި، ފޭދޫފިނޮޅުގައި ހުރި ފުލުހުންގެ ތަކެތި ބާލައި އެ ރަށް ހުސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
"އެ ކަމަށް ވަކި ޑެޑްލައިނެއް ނެތް. ޓޫރިޒަމާއި އަޅުގަނޑުމެން ގުޅިގެން އެކަން ކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.
ފޭދޫފިނޮޅު ވިއްކައިލީ، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދައުލަތަށް ލިބޭ ކުލީގެ އިތުރުން، ފުލުހުންގެ ވެލްފެއާ ކުންފުންޏަށް ވެސް ފައިސާ ލިބޭ ގޮތަށެވެ. އެ ގޮތުން، އެ ރަށް ކުއްޔަށް ނެގި 50 އަހަރުދުވަހުގެ ތެރޭގައި ޖުމްލަ 70-80 މިލިއަން ޑޮލަރު (1-1.2 ބިލިއަން ރުފިޔާ) ފުލުހުންގެ ވެލްފެއާ ބޭނުންތަކަށް ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު، އެކަމާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.
ފޭދޫފިނޮޅުގެ އިތުރުން 10 ރަށަކާއި ހުވަފެންފުށި ރިސޯޓް ކައިރީގައި އޮންނަ ބޮޑު ފަޅެއް ބިޑަށް ނުލައި ވިއްކަން ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ނޮވެމްބަރު މަހު ހުޅުވާލައިފަ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޓޫރިޒަމް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ޖުލައި މަހު ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް ވިއްކާލަން އިއުލާނު ކުރި 11 ރަށުގެ ތެރޭގައި ހިމެނޭ 4.1 ހެކްޓަރުގެ ފޭދޫފިނޮޅު ވިއްކާލަަން އޭރު އިއުލާނު ކުރީ ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު (47.1 މިލިއަން ރުފިޔާ) އަށެވެ.
ފޭދޫފިނޮޅު ވިއްކާލީ ނުއަގުގައި ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެ ގޮތުން، ބޮޑަށް ހުޅުވާލި ނަމަ، އެ ރަށް އެންމެ ކުޑަކޮށް ވެސް 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ) އަށް ވިއްކާލެވޭނެ ކަމަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވެސް ވަނީ ބުނެފަ އެވެ.
މާލެ އަދި އެއާޕޯޓާ ވެސް އެންމެ ކައިރީގައި އޮތް ފަޅުރަށް ޗައިނާގެ ބަޔަކަށް ދިނުމުން، ވާދަވެރި އިންޑިއާ އާއި ޗައިނާއާ ދެމެދު ވެސް ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.