ހަތް މަސް ދުވަހުގެ ބްރޭކަކަށް ފަހު ކުޅޭއިރު ފެނިދާނެ ފަދަ ގޯސްތަކެއް ޓީމުން ރޭ ފެނުނު ކަމަށާއި، އެކަމަކު އެ ހާލަތުގައި ވެސް މޮޅަށް ކުޅެ މޮޅުވުމުން ހިތްހަމަޖެހޭ ކަމަށް، ކްލަބް އީގަލްސް 2-1 އިން ބަލިކޮށް ރޭ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރި މާޒިޔާގެ ކޯޗު ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ބުނެފި އެވެ.

މާޒިޔާ އަކީ އާ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވެ އެންމެ ކުރިން ފަރިތަކުރުންތައް ފެށި ޓީމެވެ. ސައޫދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ވެސް ފުރިހަމަކުރި މާޒިޔާ އިން ދޭސީ އަދި ބިދޭސީ އާ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ވެސް ކުރި އެވެ.

ސީޒަން ހުޅުވަން ކުޅުނު މެޗަށް ފަހު ނޫސްވެރިން ގާތު އިވާން ބުނީ، ފުރަތަމަ ކަމަކަށް މޮޅުވުމުން ހިތްހަމަޖެހޭ ކަމަށާއި، ދެ ވަނަ ކަމަކަށް، ކުޅުންތެރިން މޮޅަށް ކުޅުމުން މަރުހަބާ ކިޔާ ކަމަށެވެ.

"ރަނގަޅު ބައިވަރު ގޯސްތަކެއް ވެސް ފެނުނު. އެކަމަކު އެއީ މިހާ ގިނަ ދުވަހު ނުކުޅެ ތިބެފައި ކުއްލިއަކަށް ކުޅެން ފެށީމާ ވެދާނެ ކަމެއް. އަހަރެން ގަބޫލުކުރަން، އެހާ ބޮޑު ބްރޭކެއްގައި ތިބެފައި އައިސް ކުއްލިއަކަށް ކުޅުމަކީ އުނދަގޫ ކަމަކަށް ވާނެ،" އިވާން ބުންޏެވެ.

މާޒިޔާގެ ހަޕްމު (ވ) ބޯޅަ ހިފައިގެން ކުރިއަށް ދާއިރު އޭނާ އަށް ހުރަސް އަޅަން އީގަލްސްގެ އިބްރާހިމް މައިސާން (މައި) މަސައްކަތްކުރަނީ. --ފޮޓޯ: މާޒިޔާ
މާޒިޔާގެ ހަޕްމު (ވ) ބޯޅަ ހިފައިގެން ކުރިއަށް ދާއިރު އޭނާ އަށް ހުރަސް އަޅަން އީގަލްސްގެ އިބްރާހިމް މައިސާން (މައި) މަސައްކަތްކުރަނީ. --ފޮޓޯ: މާޒިޔާ

ބަލްގޭރިއާގެ ޔޫތު ގައުމީ ޓީމާއި އިންޑޮނީޝިއާ ގައުމީ ޓީމަށް ކޯޗުކޮށްދީފައިވާ އިވާން ބުނީ އުފެއްދި ވަރަށް ގިނަ އެޓޭކްތައް ބޭނުން ނުކުރެވި ދިޔަ ކަމަށާއި، އެކަންކަން ރަނގަޅުކުރެވޭނެ ކަމަށެވެ.

"މިވަގުތަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިން އެ ކުޅުންތެރިންގެ ސަތޭކަ ޕަސެންޓް ދިންކަން. ދެން އޮތީ އަނެއްކާ ވެސް ބުރަކޮށް މަސައްކަތްކުރުން. ޔަގީނުން ވެސް ދެން އޮންނަ މެޗެއްގައި ކުރިއެރުން ފެންނާނެ،" އިވާން ބުންޏެވެ.

އާ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވި ދެ ޓީމުގެ ކުރިމަތިލުމުގެ ފުރަތަމަ ގޯލް ވައްދާލީ މާޒިޔާ އިންނެވެ. މި ގޯލް 15 ވަނަ މިނެޓުގައި ޖެހީ އީގަލްސް ދޫކޮށް މި ސީޒަނުގައި މާޒިޔާ އަށް ބަދަލުވި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އޭގެ ދެ މިނެޓު ފަހުން މާޒިޔާގެ ސްޓެފަން މިހަލޮވިޗް، އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ.

އީގަލްސް އިން 73 ވަނަ މިނެޓުގައި އަސްކަރްބެކް ސަލިއޭފްގެ ގޯލުން މާޒިޔާ ހާސްކޮށްލި އެވެ. އެކަމަކު އެ ޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވެ، މާޒިޔާ އިން މެޗު ކާމިޔާބުކުރި އެވެ.

ޗެރިޓީ ޝީލްޑް ވެގެން ދިޔައީ މާޒިޔާގެ ކެޕްޓަންގެ ގޮތުން ސަމޫހު އަލީ (ސަމުއްޓެ) އުފުލާލި ފުރަތަމަ އައްޑަނަ އަށެވެ. މިދިޔަ ނުވަ އަހަރު މާޒިޔާގެ ކެޕްޓަންކަން ކުރި އަސަދުﷲ އަބްދުﷲ (އަސަކޮ) ޓީމު ދޫކޮށް ދިއުމުން، ސަމުއްޓެ އާ ބޭންޑް ހަވާލުކުރީ މި ސީޒަނުގަ އެވެ.