ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގެ ފަހަތުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ތުހުމަތު ކުރައްވައިފި އެވެ.
މީގެ ކުރިން ވެސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން މެއި 6، 2021 ގައި އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާ އާ ސަރުކާރު ގުޅުވައި ތަފާތު ތުހުމަތުތައް ކުރައްވަ އެވެ. ނަމަވެސް މިއީ ސީދާ ރައީސްގެ އިސްތަށިފުޅުގައި އެ ތުހުމަތު އެޅުއްވި ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމާ ބެހޭ ގަރާރަކަށް ބަހުސް ކުރައްވަމުން ބޮންޑޭ މިއަދު ވިދާާޅުވީ ނަޝީދު އަވަހާރަ ކޮށްލަން އުޅުއްވީ ރައީސް ކަން މިހާރު އޭނާ އަށް ސާފުވެފައިވާ ކަމަށެވެ.
"ރައީސް ނަޝީދު މަރާލަން ބޮން ގޮއްވާލި ސަރުކާރެއް. އޭގެ އަޑީގައި ހުރީ ރައިސުލްޖުމްހޫރިއްޔާ ކަމަށް މިއަދު އަޅުގަނޑަށް ސާފުވެއްޖެ،" ބޮންޑޭ ވިދާޅުވި އެވެ.
ރައީސް ނަޝީދު މަރާލަން ބޮން ގޮއްވާލި ސަރުކާރެއް. އޭގެ އަޑީގައި ހުރީ ރައިސުލްޖުމްހޫރިއްޔާ ކަމަށް މިއަދު އަޅުގަނޑަށް ސާފުވެއްޖެ -- ބޮންޑޭ
އޭނާ އެހެން ވިދާޅުވުމާ އެކު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ ރައީސްގެ އިސްތަށިފުޅުގައި މަރުގެ ތުހުމަތު އަޅުވާއިރު ވެސް އެ ވާހަކަ ރިޔާސަތުން ވާހަކަ ނުހުއްޓުވާ ކަމަށެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި މީހަކަށް މަރުގެ ތުހުމަތު ކުރުމަކީ ދީނާ ހިލާފު ވާހަކަ އެކެވެ. އިސްލާމް ދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ދެއްކުމަކީ މަޖިލީހުގެ ގަވައިދާ ހިލާފު ކަމެކެވެ.
މީހަކު މަރާލަން އުޅުނު ކަމަށް ކަނޑައެޅިގެން މިތަނުގައި އެއްވެސް އިއްޒަތްތެރި މެންބަރަކަށް މަޖިލިސް މެންބަރަކާ ދިމާލަށް ނުބުނެވޭނެ -- ރޮޒެއިނާ
"މީހަކު މަރާލަން އުޅުނު ކަމަށް ކަނޑައެޅިގެން މިތަނުގަ އެއްވެސް އިއްޒަތްތެރި މެންބަރަކަށް މަޖިލިސް މެންބަރަކާ ދިމާލަށް ނުބުނެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެކަމަށް ރައްދު ދެއްވަމުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ "ތިއީ އިއްޒަތްތެރި މެންބަރަށް ފެނިވަޑައިގަންނަވާ ގޮތް" ކަމަށެވެ. އަދި ވާހަކަ ކުރިޔަށް ގެންދަވަން ބޮންޑޭ އަށް އަފީފު ފުރުސަތު ދެއްވި އެވެ.
ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން މީގެ ކުރިން ވެސް ރައީސަށް އެ ތުހުމަތު ކުރައްވަ އެވެ. އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރެއްވުމަށް ހުރަސް ނާޅުއްވާ ކަމަށާއި އެކަމަށް ނުފޫޒެއް ފޯރުވަން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
މައްސަލަ ހޫނުވެ، ޖަލްސާ ހުއްޓުމަކަށް!
ރައީސަށް ތުހުމަތު ކުރެއްވި އިރު ބޮންޑޭގެ ވާހަކަ ކުރިޔަށް ގެންދަން ފުރުސަތު ދެއްވުމުން ރޮޒެއިނާ އާއި ސަރުކާރަށް ތާއީދު ކުރައްވާ ބައެއް އެހެން މެންބަރުން ވަނީ ރިޔާސަތަށް ފާޑު ކިޔަން ފަށައިފަ އެވެ.
އެ މައްސަލާގައި ރޮޒެއިނާ ތަކުރާރުކޮށް މަޖިލީހުގައި ގަޑުގަދަ ކުރައްވަން ފެއްޓެވުމުން ރިޔާސަތުން ވަނީ އޭނާ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ނަސޭހަތް ތެރިވެފަ އެވެ.
"ގަވައިދުގައި އޮންނަނީ ފުރުސަތު ހޯއްދަވައިގެން ވާހަކަ ދައްކަވަން،" އަފީފް ވިދާޅުވި އެވެ.
ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން ފުރުސަތު ހޯއްދަވައިގެން ވާހަކަ ދައްކަވަމުން ހުރިހާ ފާޑު ކިޔުމެއް އަމާޒު ކުރީ ރިޔާސަތަށެވެ. އެހެން ނަމަވެސް އަފީފު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ހުށަހެޅިފައިވާ ގަރާރަށް މެންބަރުން ބަހުސް ކުރެއްވުމަށެވެ.
ރޮޒެއިނާ އަށް ފުރުސަތު ލިބިވަޑައިގަތުމުން ރޮޒެއިނާ ވިދާޅުވި ގޮތުގައި ރައީސަށް މަރުގެ ތުހުމަތު ކުރެއްވުމަކީ މަސްވެރިކަމާ ބެހޭ ގަރާރާ ގުޅޭ ކަމެއްތޯ އެވެ. ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އެއްވެސް ސަބަބެއް ބަޔާން ނުކުރައްވާ އަފީފް އާ ރިޔާސަތު ހަވާލު ނުކުރެވޭނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
އެ ވާހަކަ ރޮޒެއިނާ ވިދާޅުވުމާ އެކު އަފީފް ވަނީ ރޮޒެއިނާގެ މައިކު ކަނޑާލައި ވަގުތު ހަމަ ނުވަނީސް އޭނާ ވާހަކަ ދެއްކުމުގެ ފުރުސަތު ބަންދު ކޮށްލައިފަ އެވެ. އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަށް ވާހަކަ ދައްކަން ފުރުސަތު ދެއްވި އެވެ.
އެ މައްސަލަ ހޫނުވެ އެންމެ ފަހުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި ރޮޒެއިނާ ތެދުވެވަޑައިގެން ރިޔާސަތަށް ފާޑު ކިޔަން ފެއްޓެވި އެވެ. އަދި ރިޔާސަތުން ގަވައިދާ މުޅިން ހިލާފަށް އަމަލު ކުރައްވާ ކަމަށް ވިދާޅުވެ ސަރުކާރުގެ މެންބަރުން ތަޅުމުގައި އަޑުގަދަ ކުރައްވައި ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާ ޒުވާބު ކުރަން ފެއްޓެވި އެވެ.
ޖަލްސާ އިތުރަށް ކުރިޔަށް ނުގެންދެވިގެން އަފީފް ވަނީ ފަލާހުގެ ނަން އިއްވައިފަ އެވެ. ނަމަވެސް އޭނާ ތަޅުމުން ނުކުމެވަޑައިގަންނަވަން ދެކޮޅު ހެއްދެވުމުން މިއަދުގެ ޖަލްސާ ނިންމާލި އެވެ.