ބަނގުރާ އެތެރެކުރާ މީހުންނަށް ހަރުކަށި އަދަބެއް ދެނީ

ރާއްޖެ އަށް ބަނގުރާ އެތެރެކުރާ މީހުންނަށް ހަރުކަށި އަދަބު ލިބޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.


ދުނިޔޭގެ ކަސްޓަމްސް ދުވަހާއި އަސިކުޑާ ވޯލްޑް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަޒްލީން ވިދާޅުވީ ކަސްޓަމްސްގެ ކާމިޔާބީތަކުގެ ތެރޭގައި ރާއްޖެ އަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ކުރާ މަސައްކަތުގައި ކަސްޓަމްސްގެ މުވައްޒަފުން އާދަޔާ ހިލާފަށް އެހީތެރިވަމުން އަންނަ ކަމަށެވެ.

އަޒްލީން ވިދާޅުވި ގޮތުގައި މަސްތުވާތަކެތި މަނާ ކުރާ ގާނޫނުގައި ބަނގުރަލުގެ ވާހަކަ ނެތުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ. ބަނގުރާ މުޖުތަމައުން ފެނުމަކީ އެއްވެސް ގޮތަކަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތުން 23،000 އަށްވުރެ ގިނަ ބަނގުރާ ފުޅި އަތުލައިގެންފައިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"މިއީ ހިތާމަ ހުރި ކަމެއް، މީގެ ތެރޭގައި ގިނަ އަދަދަކަށް ރާއްޖޭން ބޭރުގެ ބައެއް މީހުން ގެންނަ ބަނގުރާ ފުޅިތައް ހިމެނޭކަން ފާހަގަކުރަން،" އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅޭ ގާނޫނުގައި ބަނގުރަލުގެ ވާހަކަ ނެތުމަކީ ގާނޫނީ ގޮތުން ލިބޭ އުނިކަމަކަށް ވާތީ ބަނގުރާ ކޮންޓްރޯލް ކުރުމަށް ހާއްސަ ގާނޫނެއް ހަދަމުން އަންނަ ކަމަށެވެ. އަދި އަންނަ މަހު މި އަހަރުގެ ފުރަތަމަ ދައުރުގައި ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަނގުރާ އެތެރެ ކުރާ މީހުންނަށް އާދަޔާ ހިލާފަށް ބޮޑެތި އަދަބުތަކެއް ދެވިގެންދާނެ ކަމަށް އުންމީދު ކުރަނީ،" ކަސްޓަމްސްގެ ގިނަ މުވައްޒަފުން ބައިވެރިވި ޖަލްސާގައި އަޒްލީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ހުއްޓުވުމަށް ކުރެވުނު އެންމެ ބޮޑު އެއް މަސައްކަތަކީ ހުޅުލެ އެއާޕޯޓުގައި ގޭޓްވޭ އޮޑިޓެއް ހެދުމެވެ. އަދި މި އޮޑިޓް ފުރިހަމަ ކުރުމުން މަސްތުވާތަކެތި އެތެރެކުރާ ދޮރުތައް ދެނެގަނެ، ބަންދު ކުރެވެމުން އަންނަ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

"ޝައްކު ކުރެވޭ އެއްވެސް ދޮރެއް މި ސަރުކާރުން ބަންދުނުކޮށް ނުބަހައްޓާނަން، އެއާޕޯޓުތަކުގައި އޮޑިޓްތަކުގެ ތެރެއިން މިއީ ކަނޑުގައި އަޅާ ރޮނގެއް ފަދައިން މިކަން ނުދާނެ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ބަނދަރުތަކުގައި ގޭޓްވޭ އޮޑިޓެއް ހަދައި، އެއްވެސް ވަރަކަށް މަސްތުވާތަކެތި އަޔަ ނުދީ ހިފެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އަޒްލީން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި 25 އޮޕަރޭޝަނެއްގައި 57 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމަކީ ކަސްޓަމްސްއިން ހޯދި ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަގުބޮޑު ބޮޑީ ސްކޭނާއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިގްތިސާދަށް ގެންނަ އިންގިލާބީ ބަދަލުތަކަކީ ކަސްޓަމްސް މުވައްޒަފުންގެ އެއްބާރުލުން ލިބިގެން ގެނެވޭ ބަދަލުތަކެކެވެ. އެ ގޮތުން އިމްޕޯޓާއި އެކްސްޕޯޓްގެ ކޮންޓްރޯލް ހިފަހައްޓަނީ ކަސްޓަމުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ މެރިޓް ސެޓްފިކެޓް އެ ތަނުގެ 13 މުވައްޒަފަކު ހާސިލްކުރި އެވެ. އަދި ކަސްޓަމްސްއަށް 20 އަހަރު ހިދުމަތް ކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައިވެ އެވެ. ކަސްޓަމްސްގެ މުވައްޒަފުންނަށް ސެޓްފިކެޓާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މިނިސްޓަރު އަޒްލީނާއި ކަސްޓަމްސްގެ އިސް ބައެއް ބޭފުޅުންނެވެ.

ކަސްޓަމްސްއިން އިފްތިތާހު ކުރި އަސިކުޑާ ވޯލްޑަކީ ކަސްޓަމްސްގެ ޑިކްލަރޭޝަންތައް ނިންމުމާއި މުދާ ކްލިއާ ކުރުމާ ގުޅޭ ކަންކަން ނިންމުމާއި ބޭނުންކުރާ ޒަމާނީ މެޝިނެކެވެ. މި ސްފްޓްވެއާގެ ސަބަބުން ކަސްޓަމްސްގެ މަސައްކަތްތައް ވަރަށް ބޮޑަށް ހަލުވިވެ، ހިދުމަތް ލިބިގަންނަ މީހުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.