ކަނޑުމަގުން އެތެރެކުރި ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފި އެވެ.


ކަސްޓަމްސުން ބުނިގޮތުގައި އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން ރާއްޖެއަށް ކަނޑުމަގުން އައި ކާގޯ އުޅަނދަކުން ފެނުނީ 2.12 ކިލޯގެ ހަޝިޝް އޮއިލް އެވެ. އެ ތަކެތި އަތުލައިގަތީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ކަމަށް ކަސްޓަމްސުން ބުންޏެވެ.

ކަސްޓަމްސުން ބުނިގޮތުގައި އެ އުޅަނދު ފާސް ކުރުމުގެ ތެރޭގައި ފެނުނު އެ މަސްތުވާތަކެތީގެ އަގު އެއް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސުން ބުންޏެވެ. އެކަމަކު ހައްޔަރުކުރި މީހުންގެ އަދަދެއް ކަސްޓަމްސުން ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން ކަސްޓަމްސުން އިއްޔެ ވަނީ ވައިގެ މަގުން އިއްޔެ ރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗެހިތަކެއް އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 28 އަހަރު އެ މީހާގެ ލަގެޖުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިންގެ 1،900 އަށް ވުރެ ގިނަ ގުޅަ ފެނުނު ކަމަށް ކަސްޓަމްސުން ބުންޏެވެ. އެ ތަކެތީގެ އަގު ދެ ލައްކަ ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސުން ބުންޏެވެ.

ދާދިފަހުން ވެސް ކަސްޓަމްސުން ވަނީ ރާއްޖެ އެތެރެކުރި މަސްތުވާއެއްޗެހިތަކެއް އަތުލައިގެންފަ އެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ.