ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހިމެނޭ ދެ މީހުންގެ ތެރެއިން އެ ތަކެތި އެތެރެކުރި ކުންފުނީގެ ވެރިޔާ އިތުރު 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރާސް މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ ނަމުގައި ރާއްޖެ ގެނައި މުދާތަކެއް ކަސްޓަމްސް އިން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރޭ ބަލައިފާސްކުރިއިރު ޗޮކްލެޓް ސިރަޕްފުޅިތަކެއްގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އެތެރެކުރިކަން ފަޅާއަރައިގެން ހައްޔަރުކުރި އެކަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގދ. ތިނަދޫ، ގޯލްޑަން ހައުސް، މުހައްމަދު އާދިލް، 57 އެވެ.
އޭނާއަކީ ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް، ވިޔަފާރި ހިންގުމަށް މީގެ 16 އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ ރާސް މޯލްޑިވްސްގެ އެއް ޑިރެކްޓަރެވެ. އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލްގައިވާ ގޮތުން ދެ އެ ކުންފުނީގެ ހިއްސާދާރަކީ އަންހެނެކެވެ.
ފުލުހުންނާ މިއަދު ސުވާލު ކުރުމުން ބުނީ، ތަހުގީގުގެ ބޭނުމަށް އާދިލް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ފުރަތަމަ ދިން ފަސް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު 27 ގަ އެވެ.
އެ މައްސަލާގައި ދެން ހައްޔަރު ކޮށްފައި ވަނީ ރާސް މޯލްޑިވްސްގެ މުދާ ކްލިއާ ކުރުމަށް އެ ކުންފުނީގެ ފަރާތުން ދާނެ ކަމަށް އީމެއިލުން ކަސްޓަމްސްގެ ސީކާގޯ އެގްޒަމިނޭޝަނަށް އެންގި މީހާ އެވެ. އެއީ ހއ. ހޯރަފުށި، އާފިޔާ، އަހުމަދު އަލީ، 47، އެވެ.
ފުލުހުން މިއަދު ބުނީ، އަހުމަދު އަލީ މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތަހުގީގުގެ ބޭނުމަށް 10 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަސް ކަމަށް ކުރިން ބުނެފައިވީ ނަމަވެސް ފަސް ދުވަސް ކަމަށް ބުނެވުނީ އޮޅުމަކުން ކަަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި އެވެ.
ހަޝިޝް އޮއިލް އަތުލައިގަނެ، ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ އެވެ. އޭގެ މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. އެ ފުޅިތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑެއްގައި ބަންދުކޮށްގެންނެވެ.