އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ މީހާ ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސްއިން މިއަދު ބުނި ގޮތުގައި އެ ތަކެތި އެތެރެކުރީ މިމަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި ދެ ޕަސިންޖަރުން ކަމަށްވާ އިންޑިއާއަށް ނިސްބަތްވާ ވިވެކް އަމްބަން އާއިޝަހްމިލް ޕަލި ޕަރަމްބަތެވެ.
ކަސްޓަމްސްއިން ބުނީ އެ ދެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެ މީހުންގެ ލަގެޖު ބަލައިފާސް ކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
އެ ދެ މީހުން ފުލުހުންނާ ހަވާލުކުރުމުން ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން އާއި ކައުންޓަ ނާކޮޓިކްސް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން، އެ ތަކެއްޗާ ހަވާލުވާން އަންނަ މީހަކު ބެލުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގި އެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި ފުވައްމުލައް ކުމެރީގެ އަބްދުﷲ އިބްރާހީމް ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ އިބްރާހީމް 15 ދުވަހަށް އަދި އަނެއް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި ފުރަތަމަ މަރުހަލާގައި ކުރި ތަހުލީލުތަކުން އެތަކެތި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ތަކެތީގެ ޖުމްލަ ބަރުދަނުގައި 3.34 ކިލޯ ހުރި ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.