ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ނަމަވެސް ރޭ ކަސްޓަމްސް އިން އަތުލައިގަތް އެ ތަކެއްޗާ ގުޅިގެން ހައްޔަރުކުރި މީހާގެ އެއްވެސް މައުލޫމާތެއް މިރޭ ނުދީ ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ "މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ވާހަކަ ދަންނަވަން" ކަމަށެވެ.

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ކަސްޓަމްސް އިން އަތުލައިގަތީ ރޭގަ އެވެ.

ކަސްޓަމްސް އިން ރޭ އަތުލައިގަތް ހަޝިޝް އޮއިލް ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ބަންދުކޮށްފައި.
ކަސްޓަމްސް އިން ރޭ އަތުލައިގަތް ހަޝިޝް އޮއިލް ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ބަންދުކޮށްފައި.

އެ އިދާރާ އިން ރޭ ބުނީ، ޝައްކު ކުރެވިގެން އެ ފުޅިތައް ސްކޭންކޮށް، ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެ ތަކެތި ކަސްޓަމްސް އިން ޓެސްޓު ކުރަމުންދިޔަ މަންޒަރު ޕީއެސްއެމުން ރޭ ލައިވްކުރި އެވެ. އެ ފުޅިތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑެއްގައި ބަންދުކޮށްގެންނެވެ.