ސިނގިރެޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި ބައެއް މީހުން: އެންމެންގެ މައްޗަށް ވެސް ދައުވާ ކުރަން ވަނީ ނިންމާފައި
15 ޑިސެމްބަރ 2025 - 20:46
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި 10 މީހެއްގެ މައްޗަށް ދައުވާ އުފުލައި، މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ސިނގިރޭޓް ވައްކަމުގެ މައްސަލަ ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ. އޭގެ ތެރެއިން ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށެވެ.
އެގޮތުން ވައްކަން ރާވާ ހިންގަން މޭސްތިރިންގެ ގޮތުގައި ތިބި ކަމަށް ތުހުމަތުވާ ވިޔަފާވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފަ އެވެ.
އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގަން ރޭވުމާއި އެކަމުގައި ބައިވެރިވެރިވުމުގެ ދައުވާ އެވެ.
އޭގެއިތުރުން ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އާއި އެމްޕީއެލްގެ ދެ މުވައްޒަފުން ކަމަށްވާ ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމާއި ހ. ރުމޭނިއާ، އަހުމަދު ފިރުސާންގެ މައްޗަށް ވެސް އެ ދެ ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމާއި އެކަން ރޭވުމުގެ ދައުވާ އެވެ.
އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ ޗާންދަނީގޭ ހުސައިން ސާމިހު އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ދައުވާ އެވެ.
ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ އާއި ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާނުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމަށް ބައިވެރިވުމުގެ ދައުވާ އެވެ.
މީގެއިތުރުން ފުލުހުން ދައުވާކޮށްދޭން އެދުނު ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފުގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމާފައިވެ އެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާ ޖިނާއީ ކުށެއް ކުރި ކަމަށް ހެކި ލިބިފައިނުވާތީ އެވެ. އޭނާއަކީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެއް ވެސް ނޫނެވެ.
އެ ނޫން އެހެން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިއިރު ޕީޖީ އޮފީހުން އެދިގެން ދެ ވިޔަފާރިވެރިންނާއި ހަސަން އަބްދުއްރަހުމާން ބަންދުން ވަނީ ދޫކޮށްލައިފަ އެވެ. އެ މީހުން ބަންދުން ދޫކުރަން އެދުނީ، ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވާއިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައި ނުވާތީ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓް ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް 19 މީހަކު ފުރުން މަނާކޮށް، ފަސް އުޅަނދެއް ބަލައިފާސްކޮށްފައިވެ އެވެ. އަދި މާލެ އާއި ހުޅުމާލެ އާއި ތިލަފުށީގެ 21 ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
16 December 2025
ހެކި ނެތް ބަޔަކަށް ދަޢުވާ ކުރީ ކީއްވެޔޯ؟ ރައްޔިތުންގެ ފާޑު ކިއުންތައް ގިނަވެ ޕީޖީ ބޮލާފޮށާ އެޅުނީމަ ރައްޔިތުންގެ އިތުބާރު އަލުން ލިބޭތޯ ޖެއްސި ސްޓަންޓަކާ ވައްތަރީ! ތިޔަ ޝަރީއަތް ނިމޭއިރު އާއްޓޭ އާއި ދިގައި މަޢުސޫމް ބަޔަކަށްވެ، ގެއްލުމުގެ ބަދަލުވެސް ދޭންޖެހޭނެކަމަށް ލަފާ ކުރެވެނީ! ސާބިތުނުވާނެކަން ޔަޤީން!
އުސްމާނުބެ
16 December 2025
ކުރިން އޮތް ހަބަރެއްގަ އޮތް ފުލުހުންނައް ހެއްކެއް ނުފެނުނޭ، ދެން މިކުޅިވަރު ކުޅުމުގެ ބޭނުމަކީ ކޮބާ މިގޮތައް ކިތައް ކިތައް ކޮންޓެއިނަރު ގެއްލިފަ ހުންނާނެބޭ ، ރަގަޅައް ވާނުވާ ބަޔަކު ބަލަން ބޭނުންވެގެން ބެލޭ ދުވަހަކު ތިޔަކަމެއް އެގޭނީ ، ދެން މިވަގިތައް ފިލް ނިންމާލާ
ފަޅުމަސް
16 December 2025
ދިގައްޔާ އާއްޓޭގެ ކުށެއް ނެތްކަމަށް ކޯޓު މެދުވެރިކޮށް ނިންމައި، ފަހުންވެސް އިތުރު ފިޔަވަޅެއް އެޅުން ހުއްޓުވަން ކުރާ ދައުވާއެއް ދޯ މިއީ؟
ޢެޑްމުންޑޯ
16 December 2025
ދައުވާކުރިއޭ މީހުންލައްވާ ބުނުވަން ނުވަތަ ދައުވާ ކުރިކަން ދައްކަން ކީއްކުރާކަމެއް ، ޔަގީންވާ ކަމަކީ ކޮންމެވެސް އެއްޗެއް ހަމަނުވެގެން ތިމީހުން ދޫކޮއްލާނެކަން
ހަސަންކޮއި
16 December 2025
ފލުހުންނަކީ އެއިރެއްގައި ވެރިކަމުގައި އޮންނަ ސިޔާސީ ފިކުރައްކަށް ތަހުގީގު ހިންގާ ބައެއް. ކޯޓުގައި ތި ކަން ސާބިތުވުމަކީ ވުމަށަވުމަށް ނުވުން ކާރިކަމެއް. އަދި ހުކުމް ޖަހަންތިބީ ހަމަ އެއާއި އެއްވަރުގެ ބައެއް. . ރައިތުން އެހާވާހަކަ ގިނަ ކުރާނެކަމެއް. ޕާޓީތަކަށް ނޫނެކޭ ބުނޭ. ގަބީލާއެއްގެ އަތްމައްޗަށް ވެރިކަން ދިނީމާ އެގަބީލާއަތް ނިސްބަތްވާ މީހުން ގޯހެއްނުވާނެ ދުވަހަކުވެސް. ރައިޔަތުން މި ގަބީލާތަކާއި ދުރުވި ދުވަހަކުން ގައުމު ރަގަޅުވާނީ.
ތިނާ
16 December 2025
ޖާހިލިއްޔަ ޒަމާނުގައި އަރަބިންގެ ތެރޭގައި އޮތީ ހަމަ މިސިސްޓަމް، ބޮޑުންނަށާ އެމީހުންގެ ދަރިންނާ އެމީހުން ރުހޭމީހުންނަކަށް ގާނޫނެއް ނުހިނގާ، ނަމަވެސް ކައުއިތުރު ރަސޫލާ ވަޑައިގެން އެސިސްޓަމު އުވާލައްވަވާ އެންމެންނަށް އަދުލް އިންސާފު ހޯއްދަވައި ދެއްވި އަދި އެކަލޭގެފާނު ހަދީޘްކުރެއްވި " ތިމަންކަލޭގފާނުގެ ދަރިކަނބަލުން އައިޝަތުގެފާނު ވައްކަންކުރެއްވި ނަމަވެސް އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާނަން" މިރާއްޖޭގެ ބޮޑުން ރުހޭ ކަންކަމެއްނޫން
ޖޭމް
16 December 2025
އެންމެ ސިގިރެޓެއްވެސް ނުހޯދުނޭދޯ..
ޙސަންރަހާ
16 December 2025
ބޮއެ ހުސްވެ، އަޅިއަށް ވީމާ ހޯދާނީ ކޮންތާކުން؟
ލަބީދު
16 December 2025
ދެން ފަހެ އުންސުރާ ފަންސުރު ހަމަ ނުވެގެން ކޮންޓޭނަރ ކުއްވެރި ވެއްޖެ އޫއެވެ....އަލިފް ހާ.
އާރީ
15 December 2025
ތިޔަ ހުކުމަށް ވާގޮތް ބަލަށް މިހުރީ ކެށްމަދުވެފަ
އަބްދުﷲ
15 December 2025
ތަހުގީގަށް ހައްޔަރު ވެސް ކުރާނެ، ޕީޖީއިން އަދުވާ ވެސް ކުރާނެ. އާޚިރުގައި ހުކުމް އިއްވާނީ ޝަރީއަތަށް އެމީހުން އެކަމެއް ކުރިކަން ސާބިތުވާވަރަށް ހެކި ނެތުމުން އެ ދައުވާތަށް އެމީހުންގެ މައްޗަށް ސާބިތު ނުވީކަމަށް. އެހެން ވާންޖެހުނީ ކީއްވެ؟ އެމީހުން ކުރި ކަމަށް ދައުވާ ކުރަން އުޅޭ އަދަދަކީ އެތަކެއް މިލިއަން ރުފިޔާގެ ދައުވާ އަކަށް ވާތީ. ލޯޝަން ފުޅިއެއް ނުވަތަ ރިހާކުރު ފުޅިއެއް ވަގަށް ނެގި ނަމަ ވަރަށް ރަނގަޅަށް ސާބިތުވާނެ، ޖަލަށް ހުކުމް ވެސް ކުރާނެ.
ޓާން
15 December 2025
މީގަ ދެރައީ ކޮންޓެއިނަރާއި، ދޯނި އަދި ސިނގިރޭޓްގެ މައްޗައް ދައުވާ ނުއުފުލާތީ.