ދާދި ފަހުން ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް ދަތުރުކުރި ސައުދީ އަރަބިއްޔާގެ އެސްޓްރޮނޮޓް އަލީ އަލް-ގަރްނީ ޝެއާކުރި އާ ވީޑިއޯއެއްގައި އޭނާ ޖައްވުގައި ހުރެގެން ނަމާދު ކުރާ ގޮތް ކިޔައިދީފި އެވެ.
އަލީ އެ ވީޑިއޯ ހިއްސާކުރީ ޖައްވުގައި އުޅޭއިރު ފްލޯޓުވާތީ ނަމާދުކުރަނީ ކިހިނެތްތޯ ގިނަ ބަޔަކު ސުވާލުކުރުމުންނެވެ.
އަލީ ބުނި ގޮތުގައި، ޖައްވީ ސްޓޭޝަނުގައި އުޅޭއިރު އޭނާ ނަމާދުކުރަނީ ނޫކުލައިގެ ދަގަނޑުކޮށް ހުންނަ ޑިވައިސެއްގައި ހިފަހައްޓައިގެން ހުރެގެން، ދުނިޔެއާ ދިމާލަށް މޫނު ބަހައްޓައިގެންނެވެ.
"...އޭރަށް ހުއްޓި ހުރެގެން ދުނިޔެއާ ދިމާލަށް ހުރެ ނަމާދުކުރެވޭނީ.. ﷲ އަހަރެމެންގެ ނަމާދު ގަބޫލުކުރައްވާށި،" އަލީ ބުންޏެވެ.
އޭނާ ބުނީ އެތަނުގައި ކަކޫ ޖައްސަން އުނދަގޫވި ނަމަވެސް، އެ މީހުންނަށް ކުރެވުނު މިންވަރަކަށް މަސައްކަތް ކުރާ ކަމަށެވެ.
އަލީ ވަނީ ޖައްވުގައި ވުލޫ ކުރާ ގޮތް ވެސް ކިޔައިދީފަ އެވެ. ފެން ޕެކެޓެއް ނަގައި، އެއަށް ފިތާލުމަށް ފަހު ފެންތައް ފްލޯޓުވާއިރު، ތުވާއްޔަކުން އެ ފެންތަށް ނަގާ މަންޒަރު ވީޑިއޯގައި ފެނެ އެވެ. އަލީ ކިޔައިދިން ގޮތުގައި، ވުލޫ ކުރުމުގެ ބަދަލުގައި އެ ތުވާލި ތެންމާލުމަށް ފަހު ހާކަލަނީ އެވެ.
"އޭ-އެކްސް 2 މިޝަން"ގެ ނަންދީފައިވާ ހަތަރު މީހުންގެ ޕްރައިވެޓް މިޝަންއެއްގައި އަލީ އާއި، ސައުދީ އިން ފުރަތަމަ ފަހަރަށް ޖައްވަށް ދިޔަ އަންހެން އެސްޓްރޮނޯޓް ރައްޔާނާ ބަރްނަވީ، އިތުރު ދެ އެސްޓްރޮނޯޓުންނާއެކު އައިއެސްއެސް އަށް ދަތުރު ފެށީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
އައިއެސްއެސްގައި ތިބެ އަލީ އާއި ރައްޔާނާ ވެސް ވަނީ މައްކާގެ މަތިން ނަގާފައިވާ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ.