ސްޓެލްކޯގެ އިމާރާތުން ފެށިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އަމީނީ މަގުގައި ތާރުއަޅައި، އެ ސަރަހައްދު އާއްމުންނަށް ރޭ ހުޅުވާލައިފި އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ބުނީ ސްޓެލްކޯއާ ހިސާބުން ފެށިގެން، ކޮއިމަލާ ހިނގުމާ ހަމައަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

"އަމީނީ މަގުގެ ތާރު އެޅި ސަރަހައްދުގެ ޓްރެފިކް ނިޝާންތައް ކުރަހާ ނިމޭ ވަރަކުން އާންމުންނަށް ހުޅުވާލާނެ،" އާރުޑީސީން ބުންޏެވެ.

އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓްގައި ތާރުއެޅީ އެމްޓީސީސީންނެވެ. އެއީ، ބްރިޖު ފެށޭ ހިސާބުން ސްޓެލްކޯގެ އިމާރާތާ ހަމައަށެވެ. އެ ސަރަހައްދު ހުޅުވާލީ މާޗް މަހު އެވެ.

އެކަމަކު މި ފަހުން ތާރު އެޅުމުގެ މަސައްކަތްކުރީ އާރުޑީސީން އަމިއްލައަށެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ހެދުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ މަގެކެވެ. އެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެެ.