މާލެ ސިޓީ ކައުންސިލުން އަޟްހާ އީދަށް ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ދިއްލާލައިފި އެވެ.
އަންނަ ބުދަ ދުވަހު ފާހަގަކުރާ ބޮޑު އީދު ދުވަހަށް ބޮކިތަކާއި ގިޑިގެތައް މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ދިއްލާފަ އެވެ. އެގޮތުން ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ބައެއް ބޮޑެތި މަގުތަކުގައި ވެސް ވަނީ ދިއްލާފަ އެވެ.
އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ދިއްލާފައި ވެ އެވެ. މިއީ އީދަކަށް މާލޭގައި އެއްފަރާ މިހާ ގިނަ ބޮކި ދިއްލި ފުރަތަމަ ފަހަރެވެ.
ބޮކިތައް ދިއްލުމަށް ޖުމްހޫރީ މައިދާނުގައި ސިޓީ ކައުންސިލުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާއިރު މުސްލިމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މާލެ ދިއްލާލުމުގެ އިތުރުން ބޮޑު އީދު ފާހަގަ ކުރުމަށް 100 ބަކަރި ކަތިލައި އާންމުންނަށް ހަދިޔާކުރަން ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު ވެސް އީދު ނަމާދު ބޮޑުޖަމާއަތުގައި ކުރަން ނިންމާފަ އެވެ.
ބޮޑު ޖަމާއަތުގައި ނަމާދު ކުރާނީ:
- މާފަންނު ސްޓޭޑިއަމް
- އިސްލާމީ މަރުކަޒު
- ސަލްމާން މިސްކިތް
- ހުޅުމާލެ ސިންތެޓިކް ޓްރެކް
- ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމް
- ވިލިމާލެ ފުޓްބޯޅަ ދަނޑުގަ