ޖާހް އިންވެސްޓްމަންޓުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތައް ނިންމަން ދިން މުއްދަތުގައި ވެސް އެ ތަން ނުނިމި ދިގުލައިގެން ހިނގައްޖެ އެވެ.

މެދު ފަންތީގެ ހައުސިން މަޝްރޫއެއް ހިންގުމަށް އާބަންކޯއިން އެ ކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. އެއީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވެގެންނެވެ. ނަމަވެސް، މަސައްކަތް ނުނިމި، ދިގުލައިގެންދާތީ، އެ ތަނުން އެޕާޓްމަންޓް ގަތް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެހެންވެ، އެ މައްސަލަ ބެލުމަށް ފަހު ފްލެޓުތައް ނިންމުމަށާއި ބިމުގެ އަގު ދެއްކުމަށް އާބަންކޯއިން ވަނީ ޖާހް އިންވެސްޓްމަންޓަށް 30 ދުވަހުގެ ނޯޓިސްއެއް ފޮނުވައިފަ އެވެ. މިދިޔަ މަހުގެ ހައެއްގައި ފޮނުވި ނޯޓިސް އަށް މިއަދު 30 ދުވަސް ވަނީ ހަމަވެފަ އެވެ.

އެކަމަކު ޖާހް އިންވެސްޓްމަންޓުގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުންޏަށް އާބަންކޯއިން ދީފައިވާ މުއްދަތު އަދި ހަމަނުވާ ކަމަށެވެ. ފްލެޓުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި އާބަންކޯއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްދަތު ހަމަނުވާ ކަމަށް އޭނާ ވިދާޅުވި ސަބަބެއް ސާފުކޮށެއް ނުދެއްވަ އެވެ.

އޭގެ ކުރިން މިދިޔަ ފެބްރުއަރީ 14 ގައި ޖާހުން ނެރުނު ބަޔާނުގައި ބުނީ އަވިރު ގްލޯބަލް ގްރޫޕާ ގުޅިގެން ފްލެޓުތައް ނިންމުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެ މަސައްކަތްތައް ނިންމައި ހަވާލުކުރެވޭނީ ސެޕްޓެމްބަރު 16، 2023 ގައި ކަމަށް ވެސް އެ ކުންފުނިން އޭރު ބުންޏެވެ.

ޖާހުގެ "ދަ ގާޑަން" ގައި 2+1 އާއި 3 އަދި 3+1 ގެ ޖުމްލަ 83 އެޕާޓްމަންޓް ހުންނާނެ އެވެ. އާބަންކޯގެ ވެބްސައިޓުގައިވާ ގޮތުން ޖާހުގެ 81 އެޕާޓްމަންޓެއް ވަނީ ވިކިފަ އެވެ.

އެ ފްލެޓްތަކުގެ މަސައްކަތް ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެކި މުއްދަތުތައް ދިނެވެ. އެންމެ ފަހުން ބުނެފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރުގައި ބައެއް އެޕާޓްމަންޓުތައް ހަވާލުކުރާނެ ކަމަށެވެ. އެކަމަކު، އެއްވެސް އެޕާޓްމަންޓެއް އަދި ހަވާލެއް ނުކުރެ އެވެ.