ޖާހު ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް.-- ފޮޓޯ: މިހާރު
03 ޖޫން 2025 - 11:08
ޖާހު އިންވެސްޓްމަންޓު ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ އެޕާޓްމަންޓުތަކުގެ ބާކީ މަސައްކަތްތައް ނިންމަން އެޗްޑީސީން 20 މިލިއަން ރުފިޔާ އަށް އާރުސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.
ހުޅުމާލޭ 1 ގައި ހަދާ "ދަ ގާޑަންސް" ޕްރޮޖެކްޓުގެ ބައިތައް ނިންމަން އާރުސީސީއާ ހަވާލުކުރި ކަމަށް ބުންޏަސް އޭގެ އެއްވެސް ތަފުސީލެއް އެޗްޑީސީން އަދި މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ.
ނަމަވެސް އާރުސީސީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ކުންފުނިން "ދަ ގާޑަންސް" ގެ ބާކީ މަސައްކަތްތަކާ ހަވާލުވީ ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
"އެއީ 20 މިލިއަން ރުފިޔާ އަށް. އެ އިމާރާތުގެ އެކި ބައިތައް ހުރީ އެކި ވަރަށް ނިމިފައި،" އޭނާ ވިދާޅުވި އެވެ.
އެޕާޓްމަންޓުތައް ނިންމަން އާރުސީސީއާ ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް އެޗްޑީސީން ކޮމެންޓު ނުކުރާތީ އަދި ނޭނގެ އެވެ.
ޖާހުގެ އެޕާޓްމަންޓުގެ މަސައްކަތްތައް 2017 ވަނަ އަހަރު ފެށީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު، 8 އަހަރު ވެގެން ދާއިރު ވެސް މަސައްކަތް ނުނިމޭތީ، އެ ތަނުން އެޕާޓްމަންޓް ގަތް މީހުން މުޒާހަރާ ވެސް ކުރި އެވެ.
އެހެންވެ، އެ މައްސަލަ ބެލުމަށް ފަހު، ފްލެޓުތައް ނިންމުމަށާއި ބިމުގެ އަގު ދެއްކުމަށް އެޗްޑީސީން ޖާހު އިންވެސްޓްމަންޓަށް 30 ދުވަހުގެ ނޯޓިސްއެއް މީގެ ދެ އަހަރު ކުރިން ފޮނުވި އެވެ. އެކަމަކު، އެ ނޯޓިސް ހަމަވިއިރު އެއްވެސް ކަމެއް ނުވެ އެވެ.
އޭގެ ފަހުން އެޕާޓްމަންޓުތައް ނިންމަން 45 ދުވަހުގެ މުއްދަތެއް ދިނެވެ. އެ މުއްދަތުގައި އެ މަސައްކަތްތައް ނުނިމުމުން އެޗްޑީސީން ވަނީ އެންމެ ފަހުން އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެ ބިމާ އެޗްޑީސީން ހަވާލުވުން ހުއްޓުވައި ދިނުމަށް އެދި ޖާހުން ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް، ކޯޓުން ނިންމީ އެ ފަދަ އަމުރެއް ނުނެރެވޭނެ ކަމަށެވެ.
އެޗްޑީސީން އޮކްޓޯބަރު 2023 ގައި ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ. އެ އިމާރާތުގައި ނުނިމި ހުރި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެ އެވެ.
ޖާހުގެ "ދަ ގާޑަން" ގައި 2+1 އާއި 3 އަދި 3+1 ގެ ޖުމްލަ 83 އެޕާޓްމަންޓް ހުންނާނެ އެވެ. އޭގެ ގިނަ ތަންތަން ވަނީ ވިކި ހުސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
04 June 2025
ކުރުކޮއް ބުނާނަމަ: ވިޔަފާރިވެރިއެއްގެ ކަސްޓަމަރުންނަށް މަކަރާ ހީލަތް ހެދުމުން އެ ދޭތެރެއަށް ސަރުކާރުން ވަދެ، ވިޔަފާރިވެރިޔާގެ މަސްލަހަތު ހިމާޔަތްކޮއް އޭނާ ސަލާމަތްކުރުމަށް ޓެކްސްފައިސާއިން ހަރަދުކޮއްފިއެވެ. ދެން އެ ފައިސާ އަނބުރާ ހޯދާނެ ގޮތަކީ ނެތް ގޮތެކެވެ. މީންވައިލް، އެ ވިޔަފާރިއަށް ރިސޯޓު ހެދުމަށް ފަޅުރައްތައް ދިނުމުގައި އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް، ހައްޖައް ގެންދަން ދެއްކި ފައިސާ ބޭނުންކުރި މީހާ ޖަލަށް ލިިއެވެ. އެވެސް މިވެސް ހީލަތް
ކޮންމެ ދުވަހަކު
04 June 2025
މީހުން ވައްދައިގެ 24*7 މަސައްކަތް ކުރުވަން ކަމަށްވެސް ވެދާނެއެއްނު
ސަމްސިއްޔާ
04 June 2025
މިމީހުން ލަދުހަޔާތް ކުޑަކަމުން ޢަދި ކޯޓަށްވެސް ދެއޭދޯ. އިތުރަށް 5 އަހަރު ދީމަ އެއްބަސްވުން ބާތިލުކުރީމަވެސް.
ޢިބްރާހިމް
04 June 2025
ޖާހުގެ ނުވިކި ހުރި އެޕާރޓްމަންޓްތައް ވިއްކާނީ އާރު.ސީ.ސީ އިން ތޯ؟
މުހައްމަދު ދދ
03 June 2025
ކޮބާ އެތާކައިރީގައި އެހުރި ކޭ ޕާކް. އެއީ އެޗްޑީސީ ބެހޭ ބިލްޑިންގ އަކަށް ނުވަނީތަ.
ޙިންދާ
03 June 2025
83 ޢެޕާޓްމަންޓް ވިއްކާފަ އެތައް ސަތޭކަމިލިއަން ޖާހް ކުންފުންޏާއް ހޯދާދީފަ، އެޗްޑީސީން ހަރަދުކޮށްގެން ތަން ނިންމަނި. ޟީހަމަ އެޗްޑީސީ އާއި ޖާހް ގުޅިގެން ހިންގާފައިވާ ބޮޑު ހިޔާނާތެއް؟ މިހާދުވަހު ތިޔަ ޕްރޮޖެކްޓް ނުނިންމާ ދިގުދަންމުވާގެން އެޗްޑީސީގެ ބަޔަކަށްވެސް ކޮނެވެސް ނާޖާއިޒް ފައިދާތަކެއް ނުލިބޭބާ؟ ޢަޑުއެހިން ތިތަނުން އެޗްޑީސީ ސްޓަފުން ނުއަގުގަ އެޕާޓްމަންޓް ލިބިފަ ހުރިވާހަކަ. ޟި ކަންކަން ތަހުގީގުކިރަން ޖެހޭ.
ޔޫނުސް22
03 June 2025
އާރ.ސީ.ސީ އަށް ހަވާލުކުރީ ކޮން އުސޫލަކުންތޯ ބަލާލަން ޖެހޭ ނޫންތޯ ނޫސްވެރިޔާ!
ފަޅުމަސް
03 June 2025
4 މަހުން ނިންމޭނީ ނިސްބަތުން ވަރަށް މަދު މަސައްކަތެއް ހުރީމަ.. އެވަރު ކަމަކަށް 20 މިލިޔަން ރުފިޔާ..
20 މިލިއަން ޖާހު އަތުން ހޯދާ
03 June 2025
ޖާހު އަތުން އެފައިސާ ހޯދަން ޖެހޭނެ އެމީހުންގެ މުދާ ވިއްކާފަ ވެސް. އެއީ ބޮޑު ކުންފުންޔެކޭ.. ކޮބާ އެކަމުގައި ޖުޑީޝަރީގެ ޒިންމާ؟ ޖާހުން ހިންގި ކަމެއް ކަވަރުކުރަން ޓެކުސް ޕޭޔަރުންގެ ފައިސާ، ޔައުނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮއްގެން ނުވާނެ ތިކަމަކަށް!!
ބިންވެރި
03 June 2025
މި ހާދަ ހެއްވާ ކަމެކޭ. އަމިއްލަ ކުންފުންޔަކުން ބަޔަކު ގަތް އެޕާޓުމަންޓުތައް ނުނިންމީމަ ދައުލަތުން ހަވާލުވާން ޖެހުން. މިގޮތަށް އެހެންވީމަ އަމިއްލަ މީހުންގެ ގެދޮރާ ތަންތަން ހަދަން އަމިއްލަ ބިޒްނަސް އަކުން ހަވާލުވެފަ ނުކުރީމަ ވެސް ސަރުކާރުން ހަވާލުވާން ޖެހޭނެތާ؟ އެއީ ހަމަޖެހޭ އުސޫލެއް، ދެމެހެއްޓެނިވި ގޮތެއް ވެސް ނޫން. މުޅި މައްސަލަ އޮތީ އަމިއްލަ ކުންފުނިތަކުން ހަދާ އެޕާޓެންޓު ބުލޮކުތަކުގެ ކަންކަން ހަރުދަނާ ގާނޫނެއްގެ ތެރެއިން ބަލާ ތަންފީޒުކުރުން!
މައުލޫމާތުން
03 June 2025
ބޭފުޅާގެ މައުލޫމާތުަދުވަ ހެއްވާ ކަމަކަށް ވެދާނެ. މީގައި ވީގޮތަކީ، ތިޔަ ބިމުގައި އެޕާޓްމަންޓް އަޅަން އެޗްޑީސީން ޖާހް ކުންފުންޏާ ހަވާލުކުރީ. ޢެޗްޑީސީ އާ ޖާހްއާ ދެމެދު އެގްރީ ވެފައި އޮތީ 2 އަހަރު ތެރޭގައި އެޕާޓްމަންޓް ހަދައި ނިންމަން. ނަމަވެސް 5 އަހަރަށްވުރެ ގިނަދުވަސް ވީއިރު އެޗްޑީސީން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ނާޅާ މިތިބީ ދެން މުޒާހަރާކޮށއ ރައީސްއޮފީހަށް ދިޔާމަ ޕްރެސަރބޮޑުވެގެން އެގްރީމްންޓް ބާތިލްކޮށް އެހެން ބަޔަކާ ހަވާލުކުރީ.
ޤާނޫނީޒިންމާ
05 June 2025
ފުލެޓު ގަތް ފަރާތްތަކާއި އެޗުޑީސީއާ ޖާހްއާ މެދުގައި ޓްރައި ޕާޓީ އެއްބަސްވުމެއްގަ ސޮއިކޮށްގެން އެޕާޓުމަންޓުތައް ވިއްކީ.. އެ އެއްބަސްވުމުގަ އޮވޭ ކސނޑައަޅާފަ އޮތް ތާރީހަށް ކޮންޓްރެކްޓަރަށް މަސައްކަތް ނުނިމި ފެއިލް ވެއްޖެ ނަމަ ތަނާ ހަވާލުވެ ނިންމުނުގެ ޒިންމާ އެޗުޑީސީއާ މަތިކޮށްފަ.. އެ ޔަޤީންކަމަށް ބަލާފަ ގިނަ މީހުން ލާރި ދެއްކީ.. އެހެންވީމަ އެޗުޑީސީއަކަށް ނުބެޗޭނެ ބޯ ދަމައިގަންފައެއް ޤާނޫނީ ގޮތުން ބަނދެވިފަ އޮތީ.. އެމީހުންގެ ޒިންމާ އެ އަދާކުރަނީ