މާލޭގައި ހުރި ގަރާޖުތަކާއި ވޯކްޝޮޕްތައް ރައްކާތެރި ތަނަކަށް ބަދަލުކުރުމަށް ހުޅުމާލެއިން ދޭ 23 ބިން ލިބޭ މީހުންގެ މެދުގައި މިއަދު ގުރު ނަގައިފި އެވެ.
ގުރު ނެގީ އާބަންކޯގެ ހެޑް އޮފީހުގައި މިއަދު މެންދުރުފަހު އެވެ.
އެ ކުންފުނިން ބުނީ މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގަރާޖުތަކާއި ވޯކްޝޮޕްތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. ބިން ދޭން ހުޅުވާލި ފުރުސަތުގައި 23 ބިމަށް 190 ފަރާތަކުން ފޯމު ހުށަހެޅި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ބިންތަކަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.
ބިންތައް ލިބޭ މީހުންނަކީ ހައްގުވެރިން ކަން ކަނޑައެޅުމަށް ފޯމުތަކުގައިވާ މައުލޫމާތުތައް ސައްހަކުރުމަށް ގަރާޖުތަކަށް ޒިޔާރަތްކޮށް ސާވޭއެއް ކުރި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އާބަންކޯއިން ބުނި ގޮތުގައި، އެ ސާވޭއިން ބެލިބެލުމުގައި، ތޮއްޖެހިފައިވާ ނުވަތަ އާއްމުން ދިރިއުޅޭ ގެތަކާއި ކައިރީގައި ހިންގާ ގަރާޖުތައް ބަލާފައިވެ އެވެ. އަދި އޭގެ ތެރެއިން މިފަހަރު އިސްކަންދިނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ސާވިސްކުރާ ގަރާޖުތަކަށެވެ.
މި ބުރުގައި ދޫކުރި ބިންތަކުގެ ބޮޑުމިނުގައި 1،297-1،447 އަކަފޫޓު ހުރެ އެވެ.
އެ ކުންފުނިން ބުނީ، މި ބުރުގައި ލިބުނު ތަރުހީބަށް ބަލައި ގަރާޖުތަކާއި ވޯކްޝޮޕްތައް ހިންގުމަށް އަދި އިތުރު ބިންތައް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ގަރާޖު ހިންގަން ބިން ދެނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުންނެވެ. އެއީ ހުޅުމާލޭގެ އިންޖީނުގޭގެ އިރުމަތީގައި އޮންނަ ހުސް ބިމުންނެވެ. އެ ބިމުގައި ހަދާ އިމާރާތްތައް އެންމެ އުސްކޮށް ނެގޭނީ ދެ ބުރިއަށެވެ. އެ ބިންތައް ކުއްޔަށް ދޫކުރާ އަގު އާބަންކޯ އިން އަދި ނުބުނެ އެވެ.
މާލޭގައި ހުރި ގަރާޖުތައް ހުޅުމާލެއަށް ބަދަލުކުރުމަށް ބިން ކުއްޔަށް ދޫކުރަން ސަރުކާރުން ނިންމީ މިދިޔަ އަހަރު މ. ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމުންނެވެ. އެ ހާދިސާ ހިނގީ އެ ގޭގެ ތިރީގައި ގަވާއިދާ ހިލާފަށް ހަދާފައި ހުރި ގަރާޖެއްގައި ހުރި އެއްޗެހިތަކެއްގައި ރޯވެގެންނެވެ.